ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަގައި ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ކުރަމުން އަންނަނީ ދައުލަތުގެ މަސްލަހަތަށް ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ މައްސަލައިގައި މޮރިޝަސްކޮޅަށް ސަރުކާރުން ވޯޓުދޭން ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިއާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އޭޖީ އޮފީހުން ބުނެފައި ވަނީ ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަކީ ދެ މައްސަލައެއް ކަމަށް ވެސް އެ އޮފީހުން ތަކުރާރުކޮށް ބުނެފައިވެ އެވެ.

އދ. ގައި ނަގާ ވޯޓާ ގުޅޭ ގޮތުން ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ، އިޓްލޮސް އަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ރާއްޖޭގެ ކޭސްގައި, ދޫތަކެއް ދީފައިވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަކީލުންގެ ރަނގަޅު ޓީމަކާ އެކު މަސައްކަތްކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމުގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން ވިދާޅުވެފައި ވަނީ ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖޭން ބައެއް ނުގެއްލޭނެ އެވެ. އަދި ހިލާފު އުފެދިގެން އުޅެނީ ދެ ގައުމުގެ އިން ފުށުއަރާ ސަރަހައްދުގެ 3000-4000 ކިލޯމީޓަރުގެ ސަރަހައްދަކާ މެދުގައި ކަމަށާއި އެއީ ފުށުއަރާ ހިސާބުގެ އެންމެ ފަސް ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.