ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވަހީގެ މިލްކުވެރިކަމާ މެދު މޮރިޝަސްއިން ކުރަމުންގެންދާ ދައުވާގައި އެ ގައުމާ ދެކޮޅަށް ރާއްޖެއިން އދ.ގައި ވޯޓު ދިނުމަށް ފަހު މިހާރު މިވަނީ އެ ނިންމުން ބަދަލުކޮށް ފޯޅަވަހި ހިމެނޭ ޗާގޯސް އަތޮޅަކީ މޮރިޝަސްގެ ބައެއްކަމަށް ގަބޫލުކޮށް އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

ރާއްޖޭގެ ދެކުނުން އިގުތިސާދީ ސަރަހައްދުގެ އިން ވަކިކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން މޮރިޝަސް އިން ކަނޑުތަކާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމުގައި ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރާކަން ހާމަކުރެއްވީ ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

އެ އަޑު އެހުމުގައި ރިފްއަތު ވިދާޅުވެފައި ވަނީ ޗާގޯސް އަތޮޅުގެ މައްސަލާގައި މޮރިޝަސް އިން ކުރަމުން ގެންދާ ދައުވާއަށް ދިވެހި ރާއްޖެއިން ތާއީދުކުރާ ކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައިވާކަމުގަ އެވެ. ހަމަ އެއާއެކު ދިވެހި ސަރުކާރުން މިގޮތަށް ނިންމި ނިންމުމުގެ ސަބަބުން ދިވެހި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހަޅައިފައިވާ މައްސަލަ އަނބުރާ ގެންގޮސް މަޝްވަރާ ކޮށްގެން މައްސަލަ ހައްލުކުރުމަށް މޮރިޝަސް އިން އެއްބަސްވާނެކަމުގެ އެދުން އެމަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ކުރާ ދައުވާއަކީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ 200 މޭލު ކަނޑައެޅުމުގައި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދާ ފުށުއަރާކަމަށް ބުނެ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބައެއް ހޯދުމަށެވެ. އެ މައްސަލައިގައި ފޯޅަވަހީގެ ދެކުނުން އޮންނަ ފަޅެއްގެ މިންވަރެއް ކަނޑުން މައްޗަށް އުފުލިފައި ހުރޭތޯ ބެލުމަށް މޮރިޝަސްއިން ކުރި ދިރާސާއަށް ހިންގި ޚަރަދު ދިވެހި ސަރުކާރުގެ ފަރާތުން ހޯދުމަކީ ވެސް މޮރިޝަސްގެ ދައުވާގައި ހިމެނޭ ބައެކެވެ.

ދިވެހި ސަރުކާރުން 2019 ގައި އދ. ގައި މޮރިޝަސްއާ ދެކޮޅަށް ދިން ވޯޓު ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމި މައިގަނޑު ސަބަބެއްކަމުގައި އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވަނީ ވެސް އެ ސަބަބެވެ.

ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވާހަކަދައްކަވަނީ.

ފޯޅަވަހި ހިމެނޭ ޖަޒީރާތަކުގެ މިލްކުވެރި ފަރާތަކީ މޮރިޝަސް ކަމުގައި ކަނޑައެޅުމަށް ދިވެހި ސަރުކާރުން ސިއްރިޔާތުގައި އެއްބަސްވެފައިވާކަން ހާމަވުމުން، ގިނަ ބަޔެއްގެ ނުރުހުމާއި ފާޑު ކިޔުން ސަރުކާރަށް އަމާޒުވުމާއެކު ސަރުކާރުން ގެންދަނީ އެ އަމަލު ދިފާއުކުރުމުގެ ގޮތުން ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ.

މައިގަނޑު ގޮތެއްގައި ސަރުކާރުން ބުނާ ވާހަކައަކީ ޗާގޯސް އައިލޭންޑްސްގެ މިލްކުވެރިކަމާ ބެހޭގޮތުން ނަގާ ވޯޓުގައި ރާއްޖެއިން ނަގާ ކޮޅެއްގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ނުގެއްލޭނެކަމުގަ އެވެ. އެޓާނީ ޖެނެރަލާއި ސަރުކާރުގެ އިސް ބޭފުޅުންނާއި އިގުތިސާދީ ސަސަހައްދު ކަނޑައެޅުމަށް ޓްރައިބިއުނަލްގައި ރާއްޖެ ތަމްސީލުކުރައްވާ އިސް ވަކީލު ވެސް ވިދާޅުވަމުން ގެންދަވަނީ ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި އޮތް ސަރަހައްދީ މިލްކުވެރިކަމުގެ މައްސަލަ އާއި ޗާގޯސްގެ މިލްކުވެރިކަމާ މެދު އދ. ގައި ނަގާ ވޯޓަކާ އެއްވެސް ގުޅުމެއް ނެތެވެ.

ވަކީލު އެގޮތަށް ވިދާޅުނުވިޔަސް ޗާގޯސްގެ މައްސަލާގައި ނަގާ ވޯޓަކާ ސަރަހައްދު ވަކިކުރުމާ ބެހޭ ގޮތުން ހިނގަމުން ދާ މައްސަލަ އާ އެއީ މުޅިން ދެކަމެއްކަން އެންމެނަށް ވެސް އެނގެ އެވެ.

"ހުރިހާ" އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު ވިދާޅުވީ އިގުތިސާދީ ސަރަހައްދުގެ އިމާ ބެހޭ ގޮތުން މިހާރު ހިނގަމުންދާ މައްސަލަ މޮރިޝަސް އާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ އެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލުމެވެ. ސަރުކާރުން ފޯޅަވަހި އަތޮޅާ މެދު ނިންމި ނިންމުން ބަދަލު ކުރިކަމުގައި ވިޔަސް އެ މައްސަލައަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އެހެން ކަމުން އުފެދޭ ސުވާލަކީ ރާއްޖެއަށް އެއްވެސް ފައިދާއެއް ނެތް ކަމެއްގައި ރާއްޖެއިން ދުނިޔޭގެ ކުރިމަތީގައި ވަކާލާތުކުރަމުން އައި ކޮޅު ދޫކޮށް ކުއްލިއަކަށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމި ބޭނުމަކީ ކޮބައި ހެއްޔެވެ.

ޗާގޯސް އައިލެންޑްސް

ޑޮކްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި ސަރުކާރުން އަމަލު ކުރި ގޮތުން މޮރިޝަސްއާ އާއެކު ކޮންމެ ވެސް ޑީލެއް ހެދީކަމަށް ޝައްކުކުރުމުގެ ޖާގަ އެބަ އޮތެވެ. މުނައްވަރު ވިދާޅުވީ ޑީލް ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ މޭރުމުން ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ސިފަ ކުރެއްވި ގޮތުގައި ދިވެހި ސަރުކާރުގެ އެޓާނީ ޖެނެރަލް ރިފްއަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފެނިގެން ދަނީ ކޯޓުން ބޭރުގައި އެކި އެކި ފަރާތްތަކާ އެކު ޑީލް ހަދާ ތަނެވެ. އެގޮތަށް ހަދާ ޑީލްތަކުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް އެތައް ގެއްލުމެއް ލިބެމުން ވާކަން ފާހަގަ ކުރައްވަމުން ޑރ. މުނައްވަރު ސުއާލު އުފެއްދެވީ މިހާރުގެ އެޓާނީ ޖެނެރަލް މަގާމަށް ކުފޫ ހަމަވޭތޯ އެވެ.

ޑރ. މުނައްވަރު ވެސް ހިމެނިވަޑައިގަންނަވާހެން ދިވެހި ރާއްޖޭގެ ފުންނާބު އުސް އެތައް ބަޔަކު ވަނީ ޗާގޯސްގެ މައްސަލައިގައި މޮރިޝަސް އާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދޭން ނިންމި ސަބަބާ މެދު ސުވާލު އުފައްދާފަ އެވެ. ސަރުކާރުން ވެސް، ސަރުކާރުގެ އަމަލަށް ފާޑު ކިޔާ ފަރާތްތަކުން ވެސް ބުނަނީ އެ މައްސަލައިގައި ރާއްޖެއިން ވޯޓު ދޭ ގޮތަކާ ކަނޑުގެ ސަރަހައްދު ބެހުމާ އެއްވެސް ގުޅުމެއް ނެތެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ދިވެހި ރައްޔިތުންގެ ހައްގަށް އުނިކަމެއް އަންނަވަރުގެ ނިންމުމެއް ނިންމަން ސަރުކާރަށް މަޖުބޫރުވީ ކީއްވެގެން ހެއްޔެވެ.

ޑރ. މުނައްވަރު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރަށް އެވަރުގެ ބޮޑު ނުއަތު ބުރެއް އަޅަން މަޖުބޫރުވީ އިންޑިއާގެ ޕްރެޝަރާ ހެދި ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ. ޑރ. މުނައްވަރު ނޫނަސް ގިނަ ބަޔެއްގެ ވިސްނުން ވެސް ހުރީ އެ މިސްރަބަށެވެ. މޮރިޝަސްއަކީ އިންޑިއާ މީހުންގެ އާބާދީ އަކުން ހިންގަމުން ގެންދާ ގައުމެކެވެ. އެ ގައުމުގައި އިންޑިޔާގެ އަޝްކަރީ ބޭހެއް އޮތުމުގެ ސަބަބުން މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގެ ބޮޑު ބައެއްގެ ބާރު އިންޑިޔާއަށް ލިބޭނެ އެވެ.

ދިވެހި ސަރުކާރާއެކު މިބާވަތުގެ އެހެން ޑީލެއްގައި ކުރެވުނު އެއްބަސްވުމެއްގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އުތުރުން ވެސް ބޮޑު ބައެއް ވަނީ އިންޑިއާގެ ދަށަށް ގޮސްފަ އެވެ. މި ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށްފަހު އިންޑިޔާގެ ނުފޫޒު މިއަދުގެ ސަރުކާރުގައި އޮންނަ މިންވަރުން ދިވެހި ސަރުކާރުން މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމީ އިންޑިއާގެ ފިއްތުންތަކާ ހެދިކަމުގައި ބުނުމުގެ ފުރުސަތު އޮތްކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިން ފުށުއަރާ ހިސާބު ދައްކައިދޭ ޗާޓެއް

ޑރ. މުނައްވަރު ވިދާޅުވީ އެކަން އެގޮތަށް ވެއްޖެ ނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި ސަރުކާރުން ކޮޅު ބަދަލު ކުރުމާ އެކު އެމައްސަލަ ހޫނުވެ ރައްޔިތުންގެ މަޖިލީހުގައި ވެސް ވަނީ ބަހުސް ކުރެވިފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާގޮތުގައި ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ފަޅު ރަށެކެވެ. އެހެންކަމުން އެރަށް ހޯދަން ދައުވާކުރުމުގެ ފުރުސަތު ދިވެހިންނަށް އެބައޮތެވެ.

ތާރީޚީ ގޮތުން ބަލާއިރު ފޯޅަވަހި އަތޮޅަކީ ރާއްޖޭގެ ބައެއްކަން ޝައްކެއް ނެތް މިންވަރަށް ސާފުވެ އެވެ. އިންޑިއާގެ ގޯއާ އިން ރާއްޖެއައި ޕޯޗްގީޒުން ރާއްޖެ ހިފުމުގެ ކުރިން އެއަތޮޅު ދިވެހިންގެ އަތޮޅެއް ކަމުގައި އޮތްކަން ޔަގީންވާ އެއް ލިޔުމަކީ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީ ފުޅެކެވެ. އެ ސިޓީފުޅުގައި ދިވެހި ރާއްޖެއާއި ސުވާދީބުގެ ތިން ބަޔާ ފޯޅަވަހީގެ ރަށްތަކުގެ ވެރިއަކީ އެ ރަސްގެފާނު ކަމަށް ވިދާޅުވެފައި އޮވެ އެވެ. ރާއްޖޭގެ ގަދީމީ ޗާޓުތަކުގައި ވެސް ފޯޅަވަހި ހިމަނައިފައި އޮވެ އެވެ.

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ވަކާލާތުކުރާ މީހުންނަށް ދޭ ރައްދެއްގެ ގޮތުން ސަރުކާރަށް ތާއީދުކުރާ މީހުންނާ ސަރުކާރުން ކުއްޔަށް ހިފާފައިވާ ވަކީލު ވެސް ބުނަނީ އެއީ މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން އެ ބުނަނީ ތެދަކަށް ވެދާނެ އެވެ. ފޯޅަވަހި ދިވެހިރާއްޖެއަށް ހޯދުން މިހާރު އުނދަގޫ ވެދާނެ އެވެ. އެކަމަކު ރާއްޖެއިން ފޯޅަވައްސަށް ދައުވާ ކުރާނަމަ އެ ދައުވާ ދައުވާއެއްގެ ގޮތުގައި އޮވެދާނެ އެވެ.

ދުނިޔޭގެ މަސްރަހު ބަދަލު ވާގޮތަކުން އެރަށް ދިވެހިންނަށް ލިބުމުގެ ކޮންމެ ވެސް ފުރުސަތެއް އެއިރުން އޮންނާނެ އެވެ. ރާއްޖޭގެ އުތުރުގައި އޮތް މަލިކު ވެސް ދިވެހީންގެ އަތްދަށުން ދިޔައީ މިފަދަ ހާލަތެއްގަ އެވެ. އިނގިރޭސިން އިންޑިއާއިން ފޭބިއިރު މަލިކާ މެދު ދައުވާކުރުމުގެ ފުރުސަތު ދިވެހިންނަށް އޮތެވެ. އެހެން ނަމަވެސް އެ ފުރުސަތު ގެއްލުވާލައި އިންޑިއާއާއެކު ހެދި ސަރަހައްދީ އިމުގެ އެއްބަސްވުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ހެދުމުގެ ނަތީޖާއެއްގެ ގޮތުން މަލިކާއެކު ރާއްޖޭގެ އުތުރުގެ އިގުތިސާދީ ސަރަހައްދުގެ ބޮޑު ބައެއް ރާއްޖެއަށް ވަނީ ގެއްލިފަ އެވެ.

ޗާގޯސް އައިލެންޑަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނާ ޒަމާންވީ ޗާޓެއް.

ފޯޅަވައްސަކީ ދިވެހިންގެ ރަށެކެވެ. އެ ރަށް ދިވެހިންގެ އަތް ދަށުން ދިޔައީ ދިވެހިންގެ ހޭލުންތެރިކަން ކުޑަވެފައި ރާއްޖޭގެ ވެރިންގެ ފަރުވާ ކުޑަވުމުންނެވެ. މިއަދުގެ ސަރުކާރުން އެރަށުގެ މައްސައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިއިރު، މިހާރުގެ ދިވެހި ޖީލު މިވަނީ ކުރިއަށް ވުރެ ހޭލުންތެރިވެފަ އެވެ. ވާނުވާ އެނގޭ ބަޔަކަށް ވެފަ އެވެ. ސަރުކާރުގެ މި އަމަލާ މެދު އާންމުންގެ ނުރުހުން އެހާ ބޮޑުވެގެން އުޅެނީ އެ ސަބަބާ ހެދި އެވެ. ސުވާލަކީ ސަރުކާރު އެހާ ހޭލުންތެރި ނޫނީ ހެއްޔެވެ؟ ނުވަތަ ބައެއްގެ ނުފޫޒުގައި ފިތެނީ ހެއްޔެވެ؟