ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގި ހުރާވީ ބިލްޑިން ހުރި ބިމުގައި 200 އަށް ވުރެން ގިނަ ސައިކަލް ޕާކިން ޒޯނެއް ޕްލޭނިން މިނިސްޓްރީން ހަދައިފި އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުރަވީ ބިލްޑިން ހުރި ބިމުގައި 226 ސައިކަލް ޕާކްކުރެވޭނެ ޒޯން ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ހުރަވީ ބިލްޑިން ތަޅާލައި އެ ބިން ސާފު ކުރުމަށް ފަހު އެ ތަނުގައި ވެހިކަލް ޕާކް ކުރެވޭ ގޮތަށާއި، މުނިފޫހިފިލުވާލެވޭ ގޮތަށް ޕާކެއް ހެދުމަށް ނިންމައި އެ މަސައްކަތް ސަރުކާރުން ފެށީ މި އަހަރުގެ އޮގަސްޓް މަހު އެވެ.

ޕްލޭނިން މިނިސްޓްރީން ހަދަމުން އަންނަ އެ ޕާކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

އެނގިފައިވާ ގޮތުގައި އަންނަ މަހު އެ ޕާކު ހުޅުވާނެ އެވެ. އެކަމަކު ސީދާ ތާރީހެއް އަދި ނޭނގެ އެވެ.

ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ އަދި ގާތްގަނޑަކަށް 40 އަހަރުވެފައިވާ ހުރަވީ ބިލްޑިންގައި 2021 ވަނަ އަހަރާ ހަމައަށް ވެސް ދައުލަތުގެ ބައެއް އޮފީސްތައް ހިންގާފައިވެ އެވެ.