ގދ. ހޯޑެއްދޫއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު، ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަން ހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސް ސޯލިހު ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
ގދ. ހޯނޑެއްދޫ، ސްވެން އަބްދުﷲ ރަޝީދު މަރުވެފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓަ އެވެ
މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ހުށައަޅާއިގެން ޕްރޮފެޝަނަލް މިންގަނޑުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ އަބްދުﷲ ރަޝީދު ފުލުހުންގެ ބަންދަށް ގެނެވިފައި ހުއްޓާ މަރުވުމަކީ ވަރަށް ހިތާމަވެރިކަމެއް ކަމަށެވެ. އަދި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
އަބްދުﷲގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ފުލުހުން ތައްޔާރުވަމުންދާތީ އާއިލާގެ ނުރުހުމުގައި އެކަން ކޮށްފި ނަމަ އަބްދުﷲގެ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވީ ، އިހުމާލު އޮތީ ކޮންބަޔެއްގެ ތޯ ބަލާން ޖެހޭ !