އިންޑިއާގެ އެމްއެމް އެކްޕޯޓްސް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބޮޑެތި ވެލި ފުނިތަކުން ގަވާއިދާ ހިލާފަށް ވެލި ނަގައިގެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިންޑިއާގެ އެމްއެމް އެކްޕޯޓްސްއަކީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މަގުހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމް އެކްސްޕޯޓްސް އިން ވެލި ވިއްކަމުން ދަނީ ކ. ބަރޮސް އައިލެންޑް ރިސޯޓުގެ ކައިރީގައި އޮންނަ "ލެގޫން 19" ކިޔާ ފަޅެއް ހިއްކުމުގެ މަސައްކަތަށެވެ. މި ފަޅަކީ ބޭރުގެ ބަޔަކަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ފަޅެކެވެ.

މީގެ އިތުރުން އެމްއެމް އެކްޕޯޓްސްގެ ބާޖުތަކާއި ޓަގު ބޯޓުތައް ވެސް މާލެ އަތޮޅު ވާގަލި ހިއްކަން އަންނަނީ ބޭނުން ކުރަމުންނެވެ.

އެ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމަށް ޑިއުޓީ ފްރީކޮށް ގެނެސްފައިވާ ވެހިކަލްތަކާއި އުޅަނދުތައް ވެލި ވިއްކުމުގެ މަސައްކަތުގައި އަންނަނީ ބޭނުން ކުރަމުންނެވެ. ވަކި ޕްރޮޖެކްޓަކަށް ގެނެސްފައި ހުންނަ މިދަފަ ތަކެތި އެހެން މަޝްރޫއުތަކުގައި ބޭނުން ކުރުމަކީ ކަސްޓަމްސްގެ ގަވައިދުގެ ދަށުން މަނާ ކަމެކެވެ.

އެމްއެމް އެކްސްޕޯޓްސް އިން ވެލި ވިއްކަން ތައްޔާރުކޮށްފައި.

ހުޅުމާލެ ފޭސް ދޭއްގައި ހުރި ވެލިފުނިތަކަކީ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ދީފައިވާ ވެލިފުނިތަކެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއް ތަނުން އަނެއް ތަނަށް މިގޮތަށް ވެލި ގެންދަން އީޕީއޭން ހުއްދައެއް ނަގަންޖެހޭއިރު އެފަދަ ހުއްދައެއް އެކުންފުނިން ހޯދާފައެއް ނުވެ އެވެ.

މިމައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށައެޅި ނަމަވެސް މިހާތަނަށް އައިރު އެއްވެސް ކުރިއެރުމެއް ލިބިފައިނުވެ އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުގެ ބައެއް މަސައްކަތްތައް އެމްއެމް އެކްސްޕޯޓްސްއަށް ވަނީ ސަބްކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފަ އެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ބައެއް މަސައްކަތާއި އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.