އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓްގައި އެމްބަސީތަކަށް ބަޖެޓް އިތުރުކުރަން ސަރުކާރުން ހުށައަޅައިފި އެވެ.

އެގޮތުން އެންމެ ބޮޑު އަދަދެއް ހުށައަޅާފައި ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށެވެ. އެ އެމްބަސީއަށް 36 މިލިއަން ރުފިޔާ ވަނީ ހުށައަޅާފަ އެވެ. ދެން އެންމެ ބޮޑު ބަޖެޓެއް ހުށައަޅާފައިވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް 32.1 މިލިއަން ރުފިޔާ އެވެ. މިއީ ސިޔާސީ މުވައްޒަފުން ވެސް އެންމެ ގިނަ އެމްބަސީ އެވެ. ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ވެސް ވަނީ 22.6 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި 42 ބިލިއަން ރުފިޔާގެ ބަޖެޓުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 367 މިލިއަން ރުފިޔާ އެވެ. މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓަކީ 321 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން ޚާރިޖީ ދާއިރާއަށް ހުށައަޅާފައިވާ ބަޖެޓަކީ މި ހިނގަމުންދާ އަހަަރަށްވުރެ 46 މިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.

ޚާރިޖީ ވުޒާރާއަކީ ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދު ހިނގާ އެއް ވުޒާރާ އެވެ.

ބޭރުގެ އެކި ގައުމުތަކުގައި ރާއްޖޭގެ 19 މިޝަންހުރެ އެވެ. އެހުރިހާ މިޝަންތަކުގެ ތެރެއިން މި އަހަރަށްވުރެ ކުޑަ ބަޖެޓެއް ހުށަހަޅާފައިވަނީ ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ބްރަސެލްސްގައި ހުންނަ ދިވެހިރާއްޖޭއިން އީޔޫއަށް ކަނޑައަޅާފައި ހުންނަށް މިޝަނަށާއި ނިއުޔޯކުގައި ހުންނަ އދ. އަށް ކަނޑައަޅާފައި ހުންނަ މިޝަނަށް އެކަންޏެވެ.