ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން އިއްޔެ ހުށައެޅި ސަޕްލިމަންޓްރީ ބަޖެޓާ މެދު މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދު މަޖިލިސް ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅިއިރު ހުށަހެޅީ 36.9 ބިލިއަން ރުފިޔާ ކަމަށާއި އަދި އޭގެ ތެރެއަށް މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހުށަހެޅި ކަމަށެވެ. އެއާއެކު އަންނަ އަހަރުގެ ބަޖެޓު 43 ބިިލިއަން ރުފިޔާއަށް އިތުރުވީ ކަމަށެވެ.
"މިއީ ކަން ހިނގަންވާނެ ގޮތް ނޫންކަން ގާނޫނުން ވެސް އެނގޭ" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަން ޖެހޭނީ އެ ބަޖެޓު ބޭނުންވާ ދުވަހުގެ މަސް ދުވަސް ކުރިން ކަމަށާއި އަދި އެ ބަޖެޓު ކުރިން މަޖިލީހުން ފާސްވެސް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި މިއީ މައްސަލައެއް. އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ހަނދުމަފުޅުކޮށް އަރުވަން ޖެހޭ ނުކުތާއެއް. މިއީ މަޖިލީހުގެ ކަންތައްތައް ހިނގަމުންދާނީ އިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން. އެހެން ނަމަވެސް ސަރުކާރުން ހުށަހަޅުއްވާ ބިލުތަކާ ބަޖެޓާ ގަރާރާ އަދިވެސް މި ބާވަތުގެ ކަންކަން ގާނޫނޫ އޮނިގަނޑުގެ ތެރެއިން ނުހިންގޭކަމުގައި ވަނީނަމަ އަޅުގަނޑު ދެކޭގޮތުގައި ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންގެ އަތުން ކަންކަން ގެއްލެމުންދާ މިންވަރު ބޮޑުވާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ 5.8 ބިލިއަން ރުފިޔާއަކީ މަދު އަދަދެއް ނޫން ކަމަށާއި އަދި ސުނާމީގެ ކުރީގެ ދުވަސް ވަރު ނަމަ އެއީ މުޅި ދައުލަތުގެ ބަޖެޓު ކަމަށެެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގައި އިތުރުވީ ކަމަށް ބަލައި ފަސޭހަކޮށްލައި ކަންކަން ނިންމުމުން މަޖިލިީހުގެ ގަދަރާއި އަދި ކަރާމަތާއި އިއްޒަތަށް ވެސް އުނިކަން ލިބޭ ކަމަށް ވެސް ރައިސް ނަޝީދު ވިދާޅުވި އެވެ.