ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ސަބަބުތަކެއް އޮވެގެންނެވެ. އެ ދުވަހަކީ ސްރީލަންކާގެ ތަމަޅައިންގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ ހިފުމަށް ކުރި ހަނގުރާމައަކުން ދިވެހިންނަށް ނަސްރު ލިބުނު ދުވަހެވެ. ނޮވެމްބަރު 3، 1989 ން ފެށިގެން ދިވެހި ސަރުކާރުން މި ދުވަސް ފާހަގަކުރަމުން އަންނަނީ ނަސްރުގެ ދުވަހުގެ ގޮތުގަ އެވެ.

ހަމަލާގައި ބައިވެރިވީ ކޮންބައެއް؟

ތަމްރީނު ލިބިފައިވާ ހަނގުރާމަވެރި ބައެއްގެ އެހީގައި ޒަމާނީ ހަތިޔާރާއެކު ދުރާލާ ރާވައިގެން ރާއްޖެއަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ދިވެހިންކަމުގައި ބެލެވިފައި ވަނީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރެވެ. ނާސިރާއި ލުތުފީ އިސްވެ ތިބެ ހަމަލާގެ ހުރިހާ ކަމެއް އަމަލީ ގޮތުން ހިންގީ ސްރީލަންކާގައި ވަކި ވެގަތުމަށް މަސައްކަތް ކުރަމުން ގެންދިޔަ ތަމަޅައިންގެ ދެ ޖަމާއަތުގެ ތެރެއިން ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ގެ ހަތިޔާރު އެޅި ހަނގުރާމަވެރިންނެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ސަގަރު ނާސިރު.

ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން މި އުދުވާނުގައި ބައިވެރިކަމުގެ ތުހުމަތު ކުރެވި ޝަރީއަތަށް ސާބިތުވެ ހުކުމް ކުރެވުނު އެހެން ދިވެހިންތަކެއް ވެސް ހިމެނެ އެވެ. އެ މީހުންނަކީ އަބްދުﷲ ޝާހިދާއި ކަރޯ އައްބާސް އިބްރާހިމާއި ޕައިލޮޓް އަހުމަދު ނައީމާއި ސިއްކަ އަހުމަދު އިސްމާއީލް މަނިކާއި އުމަރު ޖަމާލެވެ. މި މީހުންނަކީ ލުތުފީއާއެކު މި އުދުވާނުގެ އެކި އެކި ކަންކަމުގައި މަޝްވަރާކޮށް ހަމަލާ ރޭވުމުގައި ބައިވެރިވި މީހުންގެ ގޮތުގައި ޝަރީއަތަށް ސާބިތުވި ކަމުގައި ވިޔަސް ހަގީގަތުގައި މިވަރުގެ ބޮޑު އުދުވާނެއް ދިވެހި ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް މި ފަރާތްތަކުން ހިންގަން ޖެހުނު ސަބަބަކާއި، ކަމުގެ އަޑީގައި ފޮރުވިފައިވާ ހަގީގަތަކީ ކޮބައިތޯ ސުވާލު އުފައްދާ މީހުން އޭރު ވެސް މިހާރު ވެސް އެބަ އުޅެ އެވެ.

އެ ސުވާލުތަކުގެ ސީދާ ޖަވާބު ލިބޭފަދަ މައުލޫމާތު ތަކެއް ފެންނާކަށް ނެތެވެ. އެހެން ކަމުން އެކަމާ ވިސްނާ ބަޔަކަށް އޮތީ ފެންނަން ހުރި މައުލޫމާތުތަކެއްގެ މައްޗަށް ބިނާ ކޮށް ވަކި ފަރާތަކަށް ނުޖެހި މުޅި މައްސަލައަށް ނަޒަރެއް ހިންގާލުމެވެ.

ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް)

ސަގަރު ނާސިރާއި ލުތުފީ ގޮވައިގެން ދިވެހި ރާއްޖެއަށް ހަމަލާ ދޭން އައީ ސްރީ ލަންކާގައި ވަކިވެގަތުމަށް މަސައްކަތް ކުރަމުން ގެންދިޔަ ޖަމާއަތެއްކަމުގައިވާ ޕްލޮޓް ޖަމާއަތުންނެވެ. ޕްލޮޓް ޖަމާއަތަކީ ސްލީލަންކާ ސަރުކަރާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ޕްރަބާކަރަންގެ ލީޑަޝިޕްގެ ދަށުން ހިންގަމުން ގެންދިޔަ އެލްޓީޓީއީ އިން ވަކިވެ އުފެއްދި ޖަމާއަތެކެވެ.

އެ ޖަމާއަތުގެ ވެރިޔަކީ އޮމާ މަހޭޝްވަރަމް އެވެ. އެލްޓީޓީއީ އާ ޕްލޮޓަކީ އެއް މަގުސަދެއްގައި ހަރަކާތްތެރިވަމުން ގެންދިޔަ ކަމުގައި ވިޔަސް ވަރަށް ބޮޑަށް ޚިޔާލު ތަފާތު، އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ ވެސް ކުރަމުން ގެންދިޔަ ދެ ޖަމާއަތެވެ. ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް ތަމަޅައިން ކުރަމުން ގެންދިޔަ ހަނގުރާމައިގައި އިސްވެ އޮތީ ޓެމިލް ޓައިގާސްގެ ނަމުން މަޝްހޫރުވެފައިވާ އެލްޓީޓީއީ އެވެ. އެ މީހުންގެ މަރުކަޒެއްގެ ގޮތުގައި އޮތީ ޖަފްނާ އެވެ.

ޕްލޮޓަކީ ކިހާ ވަރެއްގެ ބާރުގަދަ ޖަމާއަތެއް؟

ނޮވެމްބަރު 3 އައި އިރު ސްރީ ލަނކާގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ފޮނުވި ސިފައިން އެ ގައުމަށް ފޮނުވިތާ ވަނީ އަހަރެއްހާ ދުވަސް ވެފަ އެވެ. އިންޑިއާ ސިފައިން ސްރީ ލަންކާއަށް ދިޔައީ ސުލްހަ ގާއިމުކުރާ ލަޝްކަރެއްގެ ގޮތުގައި ކަމުގައި ވިޔަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މީހުންނާއި އެލްޓީޓީއީ އާ މައްސަލަ ޖެހި ގަދައަށް ހަނގުރާމަ ކުރަން ޖެހުނެވެ. އިންޑިއާގެ ހަނގުރާމަ ވެރިން ބޭނުންވީ ގަދަކަމުން ނަމަވެސް އެލްޓީޓީއީގެ ހަތިޔާރުތައް އަތުލުމަށެވެ. އެލްޓީޓީއީ އިން އިންޑިއާ ސިފައިންނަށް ދޫ ނުދީ ހަނގުރާމަ ކުރަމުން ގެންދިޔައިރު އެމީހުންނާ ވާދަވެރި ޕްލޮޓް ޖަމާއަތުން އޮތީ އިންޑިއާ ސިފައިންނަށް އަމާންދީ ހަތިޔާރުތައް އެމީހުންނާ ހަވާލު ކޮށްފަ އެވެ. އެހެންކަމުން އެ ވަގުތު ޕްލޮޓް ޖަމާއަތަކީ ލަންކާގައި މާ މުހިންމު ބައެއްގެ ގޮތުގައި ފާހަގަ އެއް ނުކުރެވެ އެވެ. އެޖަމާއަތް ފާހަގަ ވެފައި އޮތީ އިންޑިއާގެ ބައެވެރިއެއްގެ ގޮތުގަ އެވެ.

ރާއްޖެއަށް ހަމަލަ ދޭންޖެހުނީ ކީއްވެ؟

ނޮވެމްބަރު ތިނެއްގެ ހަނގުރާމައާ ބެހޭ ގޮތުން ކުރެވިފައި ހުރި ތަހުގީގުތަކާއި ކޯޓުގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު އޮމާ މަހޭޝްވަރަމް ފަދަ ސްރީލަންކާގެ ހަނގުރާމަ މަތީ ޖަމާއަތެއްގެ ލީޑަރާއި ލުތުފީއާ ދިމާވި ގޮތާއި ރާއްޖެ ހިފުމަށް އެ މީހުން އެހާ ފަސޭހައިން އެއްބަސްވީ ކީއްވެގެން ކަން އޮޅުން ފިލާކަށް ނެތެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.

ލުތުފީ އާ ބެހޭ ގޮތުން އެނގޭ މައުލޫމާތުތަކަކީ އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރު އަވަހާރަކޮށްލަން ފިސްތޯލައެއް އެތެރެކުރުމުގައި ވެސް ބައިވެރިވި މީހެއްކަމާއި އެނޫނަސް ބައެއް ކުށް ކުށުގައި ބެދި އަދަބު ލިބިފައިވާ މީހެއް ކަމެވެ. ދިވެހި ސަރުކާރާ ދޭތެރޭގައި އޮތް ނަފުރަތުކަމަކާއި ސަރުކާރު ބަދަލުކޮށްލަން ހިތުގައި އުފެދުނު ޚިޔާލަކުން ޕްލޮޓު ފަދަ ނުރައްކާތެރި ހަނގުރާމައެއްގެ ތެރޭގައި ތިބި ބަޔަކު ހޯދައި އެމީހުން ރާއްޖެ ހިފުމަށްޓަކައި ގެނުވިދާނެތޯ ސުވާލު އުފެދެ އެވެ.

ތަމަޅައިންނާއި ދިވެހިން

ދިވެހި ރާއްޖެއާ ސްރީ ލަންކާއަކީ ޒަމާނުއްސުރެ އަޚުވަންތަކަމުގެ ގުޅުމެއް އޮންނަ ދެ ގައުމެވެ. ލަންކާގެ ސިންގަޅައިންނާއި ދިވެހިންނާ ދެމެދު އޮންނަ އަވައްޓެރިކަމުގެ ގުޅުމުގެ އިތުރުން އެ ގައުމުގެ މުސްލިމުން ވާހަކަ ދައްކާ ބަހަކީ ތަމަޅަ ބަސް ކަމުގައި ވުމުން ތަމަޅައިންނާއި ދިވެހިންނާ ދޭތެރޭގައި ވެސް ޚާއްސް ގުޅުމެއް އޮވެ އެވެ.

ތަމަޅައިންގެ މައި މަރުކަޒުތައް ކަމުގައިވާ ޓްރިންކޮމިލީ އަކީ ދިވެހި އޮޑިފަހަރު އެތަނަށް ގޮސް އެހިސާބުގެ މީހުނާ ޚާއްސަ ގުޅުމެއް އުފެދިފައި އޮތްތަނެކެވެ. މީގެ އިތުރުން ޖަފްނާއަކީ ވެސް ދިވެހިންނާ ބީރައްޓެހި ތަނެއް ނޫނެވެ. އެހެންކަމުން އެމީހުންނާ އެހާ ގާތް، އަމުދުން އޭރު ލަންކާގައި ހިނގަމުން ދިޔަ ހަނގުރާމަޔާ އެއްވެސް ގުޅުމެއް ނެތް ބަޔަކާ ދެކޮޅަށް ތެދުވުމުގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރެއް އޮންނާނެ ކަމީ ޝައްކަކަށް ވުރެ ޔަގީނާ ގާތް ކަމެކެވެ.

ނޮވެމްބަރު 3ގެ އުދުވާނާއި އިންޑިއާ

ތަމަޅަ ޓައިގަރުންގެ ހަމަލަ ރާއްޖެއަށް އަމާޒުވުމާއެކު އޭރުގެ ވެރިން ވަރަށް ހިކުމަތްތެރި މަސައްކަތްތަކެއް ކުރެއްވިކަން ސާބިތުވެ އެވެ. ގައުމުގެ ދިފާއީ ބާރުން ވެސް ވަރަށް ހުޝިޔާރު ކަމާއެކު އަދުއްވުންނާ ކުރިމަތިލައި ގައުމު ދިފާއު ކުރިކަން އެނގެ އެވެ. އެ ދަނޑިވަޅުގައި ގައުމުގެ ރައީސެއްގެ ހައިސިއްޔަތުން ރައީސް މައުމޫން އަބްދުލްގައްޔޫމު ދެއްކެވި ލީޑަޝިޕަކީ ފުރިހަމަ ނަމޫނާ އެކެވެ. ގައުމަށް ދިމާވި އެ ޚައްސާސް ވަގުތު އެމަނިކުފާނު ބޭރުގެ އެކި ގައުމުތަކަށް ގުޅުއްވައި އެހީތެރިކަން ހޯއްދަވަން ކުރެއްވި މަސައްކަތްޕުޅުގައި އެންމެ ފުރަތަމަ ރާއްޖެއަށް އެހީވުމަށް އަވަސް ވެގަތީ އަވައްޓެރި އިންޑިޔާ އިންނެވެ.

އެމެރިކާއާއި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން ވެސް ރާއްޖެއަށް އެހީވާން ނިންމި ކަމަށްވެ އެވެ. އެހެންނަމަ ވެސް އެހެން އެއްވެސް ބަޔަކަށް ރާއްޖެ އާދެވުމުގެ ކުރިން އިންޑިޔާގެ އޭރުގެ ބޮޑު ވަޒީރު ރަޖީވްގާންދީގެ ޚާއްސަ އޯޑަރަކަށް އިންޑިޔާގެ އަސްކަރިއްޔާގެ ފައުޖެއް ރާއްޖެ އަ އެވެ.

އިންޑިއާ އިން މިކަމުގައި ނެގި އަވަސް ފިޔަވަޅަކީ ކަން ހިނގައިދިޔަ ގޮތަށް ބަލާ އިރު ހައިރާންވާ ވަރުގެ ކަމެކެވެ. އެހެން ނަމަވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އައިއިރު ދިވެހި ސިފައިން ވަނީ ތަމަޅައިންގެ ކޮމާންޑަރު ވަސަންތީ މަރާލައި ހަނގުރާމަ ވެރިން ބަލި ކޮށްފަ އެވެ. އިންޑިއާ ސިފައިނަށް މާލެއަށް އެރުނުއިރު އަދުއްވުން ވަނީ ދިވެހި އެތައް ބަޔަކު ރަހީނު ކޮށްގެން ބަނދަރުގައި އޮތް އާގު ބޯޓެއްގައި ފިލައިގެން ގޮސްފަ އެވެ. އިންޑިއާ ސިފައިން އެ މީހުންގެ މަނަވަރުގައި ގޮސް އެ ބޯޓު ފައްތާލައި އަދުއްވުން ރާއްޖެ ގެނެސްދިނެވެ.

ހަމަލާގެ މޭސްތިރިން

ލުތުފީއާ ޕްލޮޓު ޖަމާއަތުގެ އިސްމީހުނާ ބައްދަލު ވިގޮތާއި އެ މީހުން ރާއްޖެއަށް ހަމަލާ ދިނުމަށް ރޭވި ކަމަށް ބުނެ ތަހުގީގުގައި ދެކެވިފައި ހުރި ވާހަކަތަކަށް ބަލާއިރު 1988 ގައި ދިވެހި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއަކީ ދިވެހިންގެ ތެރެއިން ޚާއިނުން ތަކެއްގެ ބޭނުން ކޮށްގެން ތަމަޅައިން ރާވައި ހިންގި އުދުވާނެއް ކަމުގައި ފެނެ އެވެ. ތަމަޅައިންގެ ތެރެއިން މިކަމުގައި އުޅުނު ޖަމާއަތާއި އެ މީހުން ހަނގުރާމައަށް ފުރައިގެން އައި ބަނަދަރަށް ބަލާއިރު ޕްލޮޓް ޖަމާއަތުގެ އިތުރުން ތިންވަނަ ފަރާތަކާ ދިމާޔަށް ތުހުމަތުކޮށް ފާޅު ކޮށްފައިވާ ޚިޔާލުތަކަށް ވެސް މި މައުޟޫގައި ޖާގަ ލިބެ އެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ މައި މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އެފަދަ ޚިޔާލަކީ އޭގައި ކިތަންމެ ބޮޑު ހަގީގަތެއް އޮތް ކަމުގައި ވިޔަސް ހާލަތުގެ ގޮތުން ފާޅުގައި އެ ވާހަކަ ދައްކަން ގިނަ ބަޔަކު ފަސް ޖެހޭ ކަންތައްތަކެވެ. ޚާއްސަކޮށް ސަރުކާރުތަކެވެ. އެހެން ނޫންނަމަ ލަންކާ ހަނގުރާމައިން ބަލިވެ، އެ ގައުމުގައި އެވަގުތު ހަރަކާތް ތެރިވަމުން ދިޔަ އިންޑިޔާ ސިފައިންނަށް އަމާންދީ ހަތިޔާރުތައް ހަވާލުކޮށްގެން ތިބި ބަޔަކު މިފަދަ ބޮޑު އޮޕަރޭޝަނަކަށް ބޭރުގެ ގައުމަކާ ދެކޮޅަށް އަންނަން ޖެހުނު ސަބަބާ އައި ގޮތަކީ ވިސްނާލަން ޖެހޭނެ ކަންތައްތަކެވެ.

ޚާއްސަކޮށް އެމީހުން ފުރައިގެން އައި ބަނދަރަކީ އިންޑިއާގެ އާމީންގެ ފުރިހަމަ ކޮންޓްރޯލުގައި އޭރު އޮތް ބަނަދަރަކަށް ވުމަކީ ނޮވެމްބަރު 3 ގެ އުދުވާނަކީ ސަގަރު ނާސިރާ ލުތުފީ އާ ތަމަޅަ ޕްލޮޓުންނާ ހިސާބުން ނިމޭ ކަމެއް ނޫންކަމުގައި ވިސްނުމަށް ޖާގަ ލިބޭ ސަބަބެކެވެ. އެ އުދުވާނުގެ ހަގީގީ މޭސްތިރިންނަކީ ކޮބައިކަން އެނގޭނީ އެކަންތަކަށް ރިއާޔަތްކޮށް ތަހުގީގެއް ކުރެވޭވަރުގެ ކެރުމާއި ފަންވަރު ދިވެހިންނަށް ލިބުނު ދުވަހަކުންނެވެ.