ކަރާޗީ (04 ނޮވެމްބަރު) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަ ކޮށްލަން ދިން ބަޑީގެ ހަމަލާއާ އެކު އެ ގައުމުގެ ދާޚިލީ މަޝްރަހު ހަލަބޮލިވެއްޖެ އެވެ.
އެގޮތުން އިމްރާން ނިސްބަތްވާ އިދިކޮޅު ޕާޓީން ވަނީ މުޅި ގައުމުގައި މުޒާހަރާތައް ބާއްވާނެކަން އިއުލާންކޮށް މިއަދު އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ބާއްވައިފަ އެވެ.
އެގޮތުން މިއަދުގެ ހުކުރު ނަމާދަށް ފަހު ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި އިމްރާން ޚާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހަޅުތާލުކޮށްފައިވެ އެވެ.
މިއާއެކު ޕާކސްތާން ތެހްރީކް އެ އިންސާފް (ޕީޓީއައި) ޕާޓީން ވަނީ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފުގެ އިސްތިއުފާއަށް ވެސް ގޮވާލައިފަ އެވެ.
ޝެހެބާޒު މަގާމާ ހަވާލުވީ މިދިޔަ އޭޕްރީލް މަހު އެ ގައުމުގެ މަޖިލީހުގައ އިމްރާންއާ ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުން އޭނާއަށް ނާކާމިޔާބުވެ މަގާމު ގެއްލުމުންނެވެ.
އިމްރާން އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާ ދީފައިވަނީ ރޭ ބޭއްވި އެއްވުމެއްގައި ބައިވެރިވެ އުޅުއްވަނިކޮށެވެ. މި ހަމަލާގައި ވަޒަން އަމާޒުވެ އިމްރާންގެ ފަޔަށް އަނިޔާވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަމަލާއާ އެކު އިމްރާން ވަނީ ބޮޑު ވަޒީރު ޝެހެބާޒު ޝަރީފް ހިމެނޭހެން ސަރުކާރުގެ ބައެއް އިސްވެރިންގެ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންގެ އިދާރާގައި އެދިފަ އެވެ. -- އަލް އަރަބިއްޔާ