ވޮޝިންޓަން (07 ނޮވެމްބަރު) - ޕްރިމިއަމް އެކައުންޓްތަކުގެ އަގު ބޮޑުކޮށް ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާއިން ނެރެން ހަމަޖެހިފައިވާ އަޕްޑޭޓް އެމެރިކާގެ މިޑްޓާމް އިންތިހާބާ ގުޅިގެން ފަސްކުރަން ނިންމައިފި އެވެ.
ޓްވިޓާއިން މި ނިންމުން ނިންމާފައިވަނީ ޕްރިމިއަމް އެކައުންޓްތަކުގެ އަގު ބޮޑުކޮށް އަޕްޑޭޓް ނެރޭނެ ކަމަށް އެ ކުންފުނިން ހާމަކުރިތާ އެއް ދުވަސް ފަހުންނެވެ.
އެކަން ހާމަކޮށް މިދިޔަ ހޮނިހިރު ދުވަހު ޓްވިޓާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ދުނިޔޭގެ މަޝްހޫރު ޝަހްސިއްޔަތުންގެ އެކައުންޓްތަކާ އެއްގޮތަށް އާއްމު އެކައުންޓްތަކަށް ވެސް "ނޫ ފާހަގަ" ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނޫ ފާހަގައަކީ ޓްވިޓާއިން އެކައުންޓްގެ ވެރިފަރާތަކީ ކާކުކަން ކަށަވަރުކޮށް ދޭ ފާހަގަ އެކެވެ.
އެހެން ނަމަވެސް އެމެރިކާގެ އިންތިހާބު ބޯމަތީގައި އޮއްވާ މި ބަދަލު އާއްމު ކުރުމަކީ ފޭކު ޕްރިމިއަމް އެކައުންޓްތައް އުފައްދައި ކެނިޑިޑޭޓުންނާއި ރަސްމީ އިދާރާތަކުގެ ނަމުގައި ނުބައި މައުލޫމާތު ފޯރުކޮށްދިނުމަށް ހުޅުވޭ ދޮރެއް ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ.
މި ކަންބޮޑުވުންތަކަށް ވިސްނައި އަޕްޑޭޓް ލަސްކުރަން ވިސްނީ ކަމަށް މި ޕްރޮޖެކްޓްގައި ހަރަކާތްތެރިވާ ޓްވިޓާގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ޕްރިމިއަމް އެކައުންޓްތަކުގެ އަގު ބޮޑު ކުރުމަކީ ޓްވިޓާގެ މިލްކުވެރިކަން ހޯދުމަށްފަހު އިލަން މަސްކް އެ ކުންފުންޏަށް ގެންނަން ނިންމެވި ބޮޑު ބަދަލުތަކުގެ ތެރެއިން އެއް ބަދަލެވެ.
އެމެރިކާގެ މިޑް ޓާމް އިންތިހާބު މިމަހުގެ 09 ވާ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު ޓްވިޓާގައި އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދެ އެވެ. – ނިއު ޔޯކް ޓައިމްސް