އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓްގެ ބަހުސް މަރުހަލާ މާދަމާ ފެށުމަށް ތަޢާވަލުކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ހުށަހެޅުމަށްފަހު މެމްބަރުން ބަޖެޓް ދިރާސާ ކުރުމަށް ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފައެވެ. ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވި އެވެ. އަދި ބަޖެޓް ބަހުސް މަރުހަލާގައި ޖަލްސާތައް ރޭގަނޑާއި ހަމައަށް ކުރިއަށްދާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މަޖްލިސް އިން ނިންމާފައި ވަނީ ބަޖެޓް ބަހުސް މަދާމާއިން ފެށިގެން ބުރާސްފަތު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށެވެ. އަދި ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް މިފަހަރު ވެސް ކަނޑައަޅާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް އެވެ. އޭގެ އިތުރުން ކޮމިޓީގެ ނައިބު މުގައްރިރަކަށް ކަނޑައަޅާފައި ވަނީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިނެވެ.
ބަޖެޓްގެ ބަހުސްއަށްފަހު ކޮމެޓީ މަރުހަލާގެ މަސައްކަތް ނިންމައި މަޖިލީހުން ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.