ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭން (ސީޕީޕީ) ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައިވަނީ ކޮޕް 27ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ދަ ވަލްނަރަބަލް ޓްވެންޓީ (ވީ20) ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް ޙަރަކާތުގައި ތަގުރީރު ކުރައްވަމުންނެވެ.

މި ހަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށާއި، އެހެނިހެން ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ވަރަށް ނާޒުކު ހާލަތެއްގައި ތިބި ގައުމުތައް މި ސަމިޓުގައި ބައިވެރިވެފައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާފަ އެވެ. އަދި އެފަދަ ގައުމުތަކުން އެދެނީ ހަމައެކަނި އެގައުމުތައް ނެތި ދިއުމުން ސަލާމަތްވާނެ ވަރަށްވުރެ އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ހާލަތެއްގައި ތިބި ގައުމުތަކަށް ވެސް ކުރިއެރުމާއި، ތަނަވަސްކަމާއި، އަދި އެ ގައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ ތަނަވަސްކަން ކަށަވަރުކޮށްދިނުން އެއީ އެރައްޔިތުންނަށް ލިބެންވާނެ ހައްގެއްކަމުގައި ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، ސީޕީޕީއަކީ އިންވެސްޓްމަންޓް އިންސްޓްރޫމަންޓެއްގެ ގޮތުގައިއާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރެވޭނެ އެއްޗެއް ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ޕްރޮސްޕެރިޓީ ޕްލޭނަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް، ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ހުޅުވާލެވޭ ފުރުޞަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައިނައިބް ރައީސް ވަނީ ރާއްޖޭގެ ނޭޝަނަލް ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންގެ މައުލޫމާތު ސީވީއެފްގެ މެންބަރުންނާ ހިއްސާކުރައްވާފަ އެވެ. މި ޕްލޭންގައި ކަނޑުގެ ލޮނުގަނޑު އުފުލުން މެނޭޖްކުރުމަށާއި، ރާއްޖޭގެ ފަރުތަކާއި ދިރުންތައް ހިމާޔަތްކުރުނާގެ ގޮތުގެ ތަފްޞީލު ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ރަށްތަކާއި މާލެއާ ގުޅާލެވިފައިވާ ސިސްޓަމެއްގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްގެންދެވޭނެ މަގުވެސް ސީޕީޕީގެ ތެރެއިން ފަހިވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ހަފުލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކާމިޔާބު ފަހި ގޮތްތަކެއް ހޯދުމުގައި ކަމާގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކެއްގެ ހިއްސާއާއި އެހީތެރިކަން ބޭނުންވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި، ރާއްޖެއިން އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސީޕީޕީ އެކުލަވާލުމުގެ މަސައްކަތް ނިންމައި، ވީހާވެސް އަވަހަކަށް އެކަން ތަންފީޒު ކުރެވޭނެ މަގެއް ހޯދުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން މިކަން ކުރުމަށްޓަކައި ފުރިހަމަ އެއްބާރުލުމާއި، މާލީ އެހީތެރިކަން ލިބުން މުހިންމުކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.