މި ސަރުކާރުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތައް ނިމުމުން ރާއްޖޭގެ އިގްތިސާދު ތިން ގުނައަށް ފުޅާވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ތަސައްވުރާއި ގުޅޭގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި މިނިސްޓަރު ވިދާޅުވީ މިބަޖެޓަކީ ޤައުމާއި ރައްޔިތުންނަށް މަންފާކުރާނެ ގޮތަކަށް ހުށަހެޅިފައިވާ އުންމީދީ ބަޖެޓެއް ކަމަށެވެ. އަދި އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ އެންމެ ބޮޑު ޢަމާޒަކީ ދައުލަތުގެ ދަރަނިތައް ކުޑަކޮށް، މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ބަޖެޓުގައިވެ އެވެ.
ބަޖެޓުގެ ބަހުސް މަރުހަލާފައި މެމްބަރުންގެ ވާހަތަކާއި ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރު ވާހަކަފުޅު ދެއްކުމަށް 45 މިނިޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުންވަނީ ނިންމާފަ އެވެ.
މަޖިލީހުގައި މެންބަރުން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޮވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއެކު ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި މިގޮންޖެހުންތަކާއިއެކު ދައުލަތުގެ ދަރަނި ފާއިތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަރަނި ހަމަޖެއްސުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއްދީގެން އާމްދަނީ އިތުރުކުރާނެ ގޮތްތައް ހިމަނާފައިވާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓުން އަޅުގަނޑުމެންނަށް ފާހަގަ ވެގެން މިދަނީ އަޅުގަނޑުމެންނަށް ފިޒިކަލް ސަސްޓެއިނަބިލިޓީއާއި ދިމާލަށް ދަތުރުކުރުން. ކޮވިޑް19 އާއި ރަޝިޔާ ޔޫކްރައިން ހަނގުރާމައާއި އެއްކޮށް އަޅުގަނޑުމެންގެ ދަރަނީގެ ނިސްބަތްވެސް ކުރީގެ އަހަރުތަކާއި އަޅާބަލައިރު މިވަނީ އިތުރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އެކަމު އަޅުގަނޑުމެން މިގެންނަ ފިޒިކަލް ސަސްޓެއިނަބިލިޓީ ގެންނަން ވެގެން އަޅުގަނޑުމެން މި ހުށަހަޅާ ސިޔާސަތު ތަކުގެ ތެރެއިން ކުރިއަށް އޮތްތާގައި ރައްޔިތުންނަށް މިދޭ ޚިދުމަތްތައް، ޕްރޮޖެކްޓްސްތައް ނުހުއްޓި، އަޅުގަނޑުމެންގެ ދަރަނީގެ ހާލަތު ރަނގަޅު ކުރެވިގެންދާނެ ސިޔާސަތުތަކެއް އަޅުގަނޑުމެން މިހުށަހަޅަނީ."
އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާ އެވެ. މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަމީރު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގްތިސާދު 12.3 ޕަސެންޓުން ކުރިއަރާނެ ކަމަށާއި އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓުން ކުރިއަރާނެ ކަމަށެވެ.