ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ބައްޕައަކަށް ވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރުން އާއި ނަތާޝާ ދަލާލް އާ ކައިވެނި ކުރީ 2021 ވަނަ އަހަރު އެވެ.

ވަރުން ބައްޕައަކަށް ވާން އުޅޭ ވާހަކަ މީޑިއާގައި ތިލަ ކުރީ މަޝްހޫރު އެކްޓަރު ސަލްމާން ހާނެވެ.

މިހާރު ކަލާޒް ޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް 16" އަށް ވަރުންގެ "ބޭދިޔާ" ޕްރޮމޯޓް ކުރުމަށް ދިޔުމުން ސަލްމާން ވަނީ އޭނާއަށް ކުޑަ މިނިކާވަގެއް ދީފަ އެވެ. އަދި އެއީ ވަރުންގެ ދަރިއަށް ދިން އެއްޗެއް ކަމަށް ސަލްމާން ބުންޏެވެ.

ސަލްމާން އެހެން ބުނުމުން އަދި ދަރިއެއް ނެތް ކަމަށް ވަރުން ބުންޏެވެ. ސަލްމާން ބުނީ ވަރަށް އަވަހަށް ދަރިއެއް ހަމަ ލިބިދާނެ ކަމަށެވެ.

ބިގް ބޮސްގައި ސަލްމާން އެހެން ބުނުމުން ގިނަ ބަޔަކު ބުނަމުންދަނީ ވަރުންގެ އަންހެނުން ނަތާޝާ ބަނޑުބޮޑު ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސަލްމާން ދައްކާ އެފަދަ ވާހަކަތަކުގައި ހަގީގަތެއް އެކުލެވިގެންވާނެ އެވެ.

އެގޮތުން މީގެ ކުރީގެ ބިގް ބޮސްގެ އެޕިސޯޑެއްގައި ސަލްމާން ވަނީ ސިދާތް މަލޯތްރާ އާއި ކިއަރާ އަދުވާނީ ކައިވެނި ކުރަން އުޅޭކަން ވެސް ނުސީދާކޮށް ހާމަކޮށްފައި އެވެ. އެއަށް ފަހު އެމީހުން ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެކަން އިއުލާނު ކޮށްފަ އެވެ.