ރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ލާއިންސާނީ ދަށު ދަރަޖައިގެ އަނިޔާތަކާ ބެހޭ ގޮތުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ސިއްރު އަޑުއެހުންތަކެއް ކުރިއަށް ގެންދަން ނިންމައިފި

އިންތިގާލީ އިންސާފުގެ އޮފީހުން ނެރެފައިވާ ބަޔާނެއްފައި ބުނެފައިވަނީ ޖަލުތަކުގައި ހިނގާ އިންސާނީ ހައްގުތަކާއި ހިލާފު އަމަލުތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއް އެއޮފީހުން ބެލުމަށް ނިންމާފައިވާ ކަމަށާއި މިކަމާ ގުޅިގެން ބާއްވާ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މި އަޑުއެހުންތަކުގައި މައްސަލަ ހުށައެޅި ފަރާތްތަކުގެ އިތުރުން އެފަދަ ކަންކަން ތަޖުރިބާކޮށްފައިވާ އެހެނިހެން ފަރާތްތަކަށް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތުދީ، މަޢުލޫމާތު އެއްކުރެވޭނެ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެ އެވެ. އަދި މައްސަލަތަކުގެ ވަށައިގެންވާ އެހެނިހެން ކަންކަން ދެނެގަތުމުގައި ގާނޫނުއަސާސީގައި ބަޔާންވެފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާގެ ޢަމަލުތައް މަނާ ކުރުމަށް ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލެވިގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތުގެ މަޢުލޫމާތުތައް ހިއްސާކޮށްދެއްވުން އިންތިޤާލީ އިންސާފުން ވަނީ އެދިފަ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ގާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. މިހާތަނައަށް އެއޮފީހަށް ހުށަހެޅުނު އެކިބާވަތުގެ މައްސަލަތަކުގެ ތެރެއިން 111 މައްސަލައެއްގެ ތަހުގީގުކޮށް ވަނީ ނިންމާފަ އެވެ