ރާއްޖެ ޓީވީން ތެދު ޙަގީގަތް ހާމަކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގައި މިއޮތް ޅަފަތުގެ ޑިމޮކްރެސީ ވަރުގަދަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ޓުވީޓު ކުރައްވާފައިވަނީ ރާއްޖެޓީވީ އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ޑިމޮކްރެސީތައް މަސައްކަތް ކުރުމަށް ތެދާއި ހަގީގަތް ވަރަށް މުހިންމު ކަމަށެވެ.
ރައީސް މިފަދައިން ޓުވީޓު ކުރައްވާފައިވާއިރު ރާއްޖެ ޓީވީގެ ބޭނުމަކީ ޚިޔާލު ތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި ފޯލްޓްލައިނެއް ގެނައުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ރާއްޖެ ޓީވީއަކީ އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ޓީވީ ޗެނަލްއެކެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ހިންގަވާ މި ޗެނަލްއިން މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ވަރަށް ގިނަ ބައެއްގެ އަބުރަށް އަރައިގަނެ ދޮގު މައުލޫމާތު ފަތުރާފައިވެ އެވެ. އަދި މިފަދަ ކޮންޓެންޓްތަކުގެ މައްސަލައިގައި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅާފައިވެ އެވެ. އެ ކޮންޓެންޓް ގެނެސްދިނުމަށް އިސްކޮށް އުޅުނު ގިނަ ނޫސްވެރިންނަށް މި ސަރުކާރުގައި ވަނީ މަތީ މަގާމުތައް ދީފަ އެވެ.
އެގޮތުން ރާއްޖެ ޓީވީގައި މަސައްކަތްކުރި ޙުސެއިން ފިޔާޒް މޫސާ މިހާރު ހުންނަވަނީ އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމުގަ އެވެ. އެޓީވީގައި މަސައްކަތްކުރި މިއުވާން މުޙައްމަދު ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް، އަޒްމޫން އަހުމަދު ޔޫތް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް، ހުސެއިން ހަސަން އެޓާނީ ޖެނެރަލް އޮފީހުގެ ސިޔާސީ މަގާމަކަށް އަދި އަހުމަދު މުހްސިންއަށް ހެރިޓޭޖްގެ ނައިބުކަން ވަނީ ދީފަ އެވެ.