ކުޑަކުދިންނަށް ލިބޭ އަނިޔާތަކާއި، ގެއްލުންތަކުން އެއްކިބާވެފައިވާ ބައެއްކަން މުޖުތަމައު ކަށަވަރުކުރުމާއި، އެކުދިންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ބައެއްކަން ޔަގީންކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަދު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކުދިންނަށް ފޮނުއްވުމަށް ކުރެއްވި ޓުވީޓެއްގައި އެވެ.

ރައީސް ސޯލިހުގެ ޓުވީޓްގައި ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް އަނިޔާގެ ޝިކާރައިން ސަލާމާތްވެ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުވެފައި ތިބި ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ކުޑަކުދިންނަށް ލިބޭ އަނިޔާތަކާއި، ގެއްލުންތަކުން އެއްކިބާވެފައިވާ ބައެއްކަން މުޖުތަމައު ކަށަވަރުކުރުމާއި، އެ ކުދިންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ ބައެއްކަން ޔަގީންކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގަ އެވެ. މިއަހަރުގެ މި ދުވަސް ފާހަގަކުރުމަށްޓަކައި އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "އިންކުލޫޝަން، ފޯ އެވްރީ ޗައިލްޑް" އެވެ.

ރާއްޖޭގައި ވަނީ ކުޑަކުދިންގެ ހައްގުތަށް ކަަވަރުކުރުމަށް ގިނަ ގާނޫނުތަކެއް އެކުލަވާލާފަ އެވެ. އަދި ކުޑަކުދިން ހިމާޔަތްކުރުމަށް އެ ގާނޫނުތަކުގައި ވަރަށް ބޮޑަށް ބާރުއަޅަ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވެ، އަނިޔާ ލިބޭފަދަ ކަންކަން ކުރުމަކީ ގާނޫނުގައި ހަރުކަށި އަދަބުތައް ވެސް ކަނޑައެޅިފައިވާ ކަންކަމެވެ.