މި ދަނޑިވަޅުގައި އިގްތިސާދާމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް ކަމަށާއި ރާއްޖޭގެ އިގްތިސާދީ ކުރިމަގު އޮތީ ފަހިކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަރުގަދަ ރައްދެއް މިއަދު ދެއްވައިފި އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުއްދުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ ރިޒާވުގައި މިހާރު ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށެވެ.

"އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކު ވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާތްالله ގެ އިރާދަފުޅާއެކު, ކޮވިޑުން ވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިގްތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށެވެ. އަދި 2020 ވަނަ އަހަރު ކޮވިޑާއެކު ކުރިމަތިލީ, މިއަދު މިތިބި ހާލަތަށް ވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ އެކު ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި އެދަތިންވެސް އަޅުގަނޑުމެން އަރައިގަތިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ދަތިތަކާއި ގޮންޖެހުންތަކާއެކު ވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް އަންނަނީ ގިރާކުރަމުން ކަމަށެވެ. އަދި ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި އިގްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް. މާތްالله ގެ އިރާދަފުޅާއެކު, ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް،" އަމީރު ވިދާޅުވި އެވެ.