ޒެންޒޫ (23 ނޮވެމްބަރު) - ޗައިނާގެ ޒެންޒޫ އަވަށުގައި ހިންގަމުން އަންނަ އައިފޯން ފެކްޓަރީއެއްގެ މުވައްޒަފުންނާއި ސެކިއުރިޓީ އޮފިޝަލުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ފެކްޓަރީގެ އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ސެކިއުރިޓީ އޮފިޝަލުންނާއި ފުލުހުންނާ ވެސް ކުރިމަތިލާފަ އެވެ.

ބުނެވޭ ގޮތުގައި ފެކްޓްރީގެ މުވައްޒަފުން ހަޅުތާލުކޮށް ހަމަނުޖެހުން ހިންގާފައި ވަނީ ކުންފުނީގެ މެނޭޖްމަންޓުން ވައުދުވެފައިވާ ގޮތަށް ބޯނަސް ނުދިނުމުގެ ސަބަބުންނެވެ.

ޗައިނާގައި ކޮވިޑް 19ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުން ދާތީ އައިފޯން އުފައްދާ ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕުން ވަނީ އެ ކުންފުނީގެ މަސައްކަތްތައް މަޑު ޖައްސާލާފަ އެވެ.

ނަތީޖާއެއްގެ ގޮތުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިވިއިރު އެ ކުންފުނިން އާ މުވައްޒަފުން ހޯދާފައިވަނީ ބޯނަސް ދޭނެ ކަމަށް ބުނެފަ އެވެ.

ފެކްޓަރީގެ މުވައްޒަފަކު މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ވަޒީފާ ދިން އިރު ވެފައިވާ އެއްބަސްވުމާ ފެކްސްކޮން ގްރޫޕުން ޚިލާފު ވެފައިވާ ކަމަށެވެ.

އެޕަލް ކުންފުނިން ވަނީ ޗައިނާ ފެކްޓްރީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ހެދި އައިފޯން 14ގެ ޝިޕްމަންޓްތައް ދަށްވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. -- އަލް އަރަބިއްޔާ