އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ވޯޓު ނެގުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް ނިންމައިފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަންނަ ހޯމަދުވަހު ބަޖެޓުގެ ބަހުސް ނިންމާލައި ވޯޓަށް އެހޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއަށްފަހު މަޖިލިސް ދާނީ ރިސެސްއަށް ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ މިއަދާއި އަދި ހޯމަ ދުވަހު [ބަޖެޓުގެ ބަހުސްއަށްފަހު] އިރާދަކުރެއްވިއްޔާ ބަޖެޓު ރިޕޯޓަށް ވޯޓަށް އެހުން. އެއަށްފަހު އަޅުގަނޑު އެދުވަހު ގަސްތު ކުރަނީ މަޖިލިސް ރިސެސްއަށް ދާން،" ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 42.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.

އެ ބަޖެޓު ހިންގުމަށް ބޭނުންވާ އާމްދަނީ ހޯދުމުގެ ގޮތުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން ނިންމައި، ޓެކްސްގެ ގާނޫނު މަޖިލީހުން އިސްލާހު ގެނެސްފައިވެ އެވެ. އެ އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގުކުރެއްވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.