ބޭރުން އަންނަ ދިވެހިން ވެސް 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށަހަޅަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އިއުލާނުގައި ވަނީ ދިވެހިންގެ އިތުރުން ވޯކް ވިސާ އޮންނަ ބިދޭސީން ދަތުރު ފަށާ ބަނދަރުން ފުރުމުގެ ކުރިން 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި އެއް އަހަރު ނުވާ ކުޑަކުދިން ނުހިމެނެ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ނެގެޓިވް ޕީސީއާރު ނަތީޖާއާއެކު އަންނަ ދިވެހިން ވެސް މާލެ، ހުޅުމާލޭ އަދި ވިލިމާލެ އަންނަ ދިވެހިންނާއި ބިދޭސީން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

މީގެ ކުރިން ޕީސީއާރު ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެނީ ރާއްޖެ އަންނަ ޓޫރިސްޓުން އެކަންޏެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށްދާ ފަރާތްތަކުން ދަތުރަށް ފަށާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތްނަމަ ރިސޯޓަށް ދެވޭނެ އެވެ.

މިގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރަތްތަކުގެ ހުރުމާއި ކެއުން ހަމަޖެހިފައި ހުންނަންވާނީ، ރިސޯޓު މުވައްޒަފުންނާއި ވަކިން ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައިވެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެފަދަ ފަރާތްތަކުން އަމަލުތައް ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.

މިގޮތަށް ރިސޯޓުތަކަށް ދަތުރު ކުރާ ފަރާތްތަކުން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށަކަށް ދާނަމަ، 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.