ގެސްޓުހައުސް ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ހިންގާ ރަށްކަމުގައިވާ ކ. މާފުއްޓަކީ ހަށިވިއްކާ މަރުކަޒެއްގެ ގޮތުގައި ސިފަކޮށް "މިހާރު" އޮންލައިން ނޫހުން ލިޔެފައިވާ ރިޕޯޓާ މެދުގައި އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"މިހާރު" ނޫހުގެ ރިޕޯޓުގައި އެ ރަށުގެ ބައެއް މީހުންނާ ހަވާލާދީ ބުނެފައިވަނީ ހަފުތާ ބަންދުގައި ތައިލެންޑާއި ރަޝިޔާ އަދި ރާއްޖޭގެ ބައެއް އަންހެނުން މާފުއްޓަށް އައިސް ހަށިވިއްކާ ކަމަށެވެ. ރަސްމީކޮށް އެފަދަ މައްސަލައެއް އެ ރަށުގެ ފުލުސް ސްޓޭޝަނަށް ހުށަހެޅިފައި ނެތްނަމަވެސް އެފަދަ ވާހަކަތައް ތުންތުން މަތިން އިވޭކަމަށް އެ ރަށުގެ ޕޮލިސް އިންޗާޖު އެ ނޫހަށް މައުލޫމާތު ދެއްވާފައިވެ އެވެ.
"މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓް ކުއްވެރިކޮށް މާފުށި ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާފުށީގައި ހަށިވިއްކުމުގެ އެއްވެސް ހާދިސާއެއް ހިނގައިގެން ރެކޯޑުކުރެވިފައި ނުވާއިރު މާފުއްޓަކީ ހަށިވިއްކުމުގެ މަރުކަޒެއްގެ ގޮތުގައި އެ ލިޔުމުގައި ސިފަކޮށްފައިވުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށެވެ. އަދި މާފުށީގައި ދިރިއުޅޭ މީހުންނާއި ރަށަށް އަރާފައިބާ ދެޖިންސުގެ މީހުންނަކީ ހަށިވިއްކައި ގަތުމުގައި ހަރަކާތްތެރިވާ މީހުންކަމަށް ދެކޭނަމަ އެއީ އެގޮތަށް ހިތަށް ތަސައްވަރުކުރެވޭ ބައެއްގެ ހުރި އުނިކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
އަދި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަކީ ރާއްޖޭގެ އެކި ރަށްރަށުން އަބަދުވެސް ތަކުރާރުވާ މައްސަލައެއް ކަން ފާހަގަކޮށް ކައުންސިލުން ބުނީ އެއީ ލޯކަލް ޓުއަރިޒަމާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ. ޒިޔާރަތްކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ރަށަކުން ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތަކަށް އިޖާދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާއަކުން މަސައްކަތްކުރަން ޖެހޭނީ އެ މާހައުލަކާ އެކަށޭނެ ޤާބިލުކަން ހޯދައިގެންކަމަށް އެ ކައުންސިލުން ގަބޫލުކުރާ ކަމަށް މާފުށީ ކައުންސިލުން ބުނެފައިވެ އެވެ.
"އެއްވެސް ކަމަކީ އެންމެން ރުހޭ ކަމަކަށް ނުވާ ހަމައިގެ މަތިން ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ނުރުހޭ މީހުން އުޅޭ ކަމުގައި މި ކައުންސިލުން ދެކެމެވެ،" ކައުންސިލް ބަޔާނުގައިވެ އެވެ.
އަދި މާފުށީ ރައްޔިތުންވަނީ ރާ އާއި އޫރުމަހާ ނުލައިވެސް ފަތުރުވެރިކަން ކުރިއަށްގެންދެވިދާނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފަތުރުވެރިން މާފުއްޓަށް އަންނަނީ ރާއްޖޭގެ އަދި ހާއްސަކޮށް އެ ރަށުގެ ރީތިކަން ދެކެލައި ހިތްހަމަޖެއްސުމުގެ ބޭނުމުގައިކަން ފާހަގަކުރާކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން އިތުރަށް ބުނީ ކަމުގެ ވަށައިގެން ހުންނަ ހަގީގަތްތަކަށް ބުރަވެ، އޮންނަ ނުރަނގަޅު ރަނގަޅުކުރުމުގެ ބަދަލުގައި ސިޔާސީ ނިޔަތުގައި ސަރުކާރަށް ފާޑުކިޔުމުގެ ރޫހުގައި ތެދުވުމުގެ ބަދަލުގެ އާދަދޫކޮށް އީޖާބީ ހުށަހެޅުންތަކަށް އެ ކައުންސިލުން މަރުހަބާ ކިޔާ ކަމަށެވެ.