މާލެ ސަރަހައްދަށް ކަރަންޓު ދޭން އަގު ނަގާ ރޭޓާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީން ނިންމައިފި އެވެ.
މަޖިލީހުގެ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށައެޅި ގަރާރު ދިރާސާކުރުމަށް ފަހު އެވެ.
ޝިޔާންގެ ގަރާރުގައި ބުނެފައި ވަނީ ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދޭ ރަށްރަށުގައި ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓަށް ބިލުކުރާ ރޭޓް ބޮޑުކަމުންނާއި އެކަމުގައި މާލެއާ އެ ރަށްތަކާ ތަފާތުކުރާކަމުގެ ޝަކުވާ ވިޔަފާރިކުރާ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
ޝިޔާންގެ ގަރާރުގައިވަނީ 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި ކަމަށެވެ. ނަމަވެސް ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ ހަ ރުފިޔާ އެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާ އެވެ.
ގަރާރާ ގުޅިގެން ކޮމިޓީން ފާސްކޮށްފައިވަނީ ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ހިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެއްދެވުމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް އަންނަ ޖޫން މަހަށް ނިންމުމަށް ކޮމިޓީން ފާސްކޮށްފައިވެ އެވެ.
އޭގެ އިތުރުން ކަރަންޓް ދިނުމަށް ބޭނުންކުރާ ސިސްޓަމްތަކުގެ އެފިޝަންސީ އިތުރުކޮށްގެންނާއި ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތަކާއި ޑީސަލްގެ ހަރަދު ކުޑަކޮށްގެންނާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތް ކުރުން ހިމެނެ އެވެ. އަދި ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބިލުކުރަމުންދާ އަގުތަކުގައި ހުރި ތަފާތުކުރުންތައް އެއްހަމަކުރުމުގެ މަސައްކަތް އަންނަ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މި ކަންތައްތަކާއެކު ރައްޔިތުންގެ މަޖިލީހުން އެކަމަށް ގޮތެއް ނިންމުމަށް ކޮމިޓީ ރިޕޯޓު އެ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
ކޮމެޓީއިން މިގޮތަށް ނިންމުމުގެ ކުރިން ގަރާރަށް ލަފާ ހޯދުމަށް ކޮމިޓީން ވަނީ ފެނަކައާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ އިތުރުން އެންވައިރަމެންޓު މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.