ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ކުރެއްވި ޓުވީޓުގެ ސަބަބުން އަބުރަށް ގެއްލުންވެފައިވާތީ އޭގެ ބަދަލަށް 10 މިލިއަން ރުފިޔާ ނަގަން ނަޝީދު ފަރާތްޕުޅުން ސިވިލް ކޯޓުގައި މިއަދު ދައުވާ އުފުލައިފި އެވެ.

ނަޝީދުގެ ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ, ނަޝީދު ގަތުލު އާންމެއް ހިންގަން އުޅުނުކަމަށް ބުނެ، އިބްރާހީމް ޝަރީފް، މިމަހުގެ 25 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ޓްވީޓެއްގައި، ނަޝީދުގެ އަބުރާ ބެހި، އަބުރަށް ގެއްލުން ލިބޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެހެންކަމުން އިބްރާހީމް ޝަރީފުގެ ކިބައިން، އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދެއްވައި، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދި މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލައިފާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މެންބަރު އިބްރާހީމް ޝަރީފު މިމަހުގެ 25 ވަނަ ދުވަހުގެ ކުރެއްވި ޓްވީޓެއްގައި ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށެވެ. އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެ 50 މީހުން މެރުމަށް ނަޝީދު އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށާއި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލުމަށް ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެ އެވެ.