އިހުގައި ދިވެހިރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުން ކުރި ދިވެހި ބޮލި ވަޅެއް ދ. ރިނބުދޫގެ މަގު ކޮންނަނިކޮށް ފެނިއްޖެ އެވެ.
އެ ބޮޅިވަޅުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު، މި ބޮލިވަޅު ފެނުނީ އެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހޮޅިވަޅުލުމުގެ މަސައްކަތް ކުރި ސަރަހައްދަކުންނެވެ.
ބެލެވޭ ގޮތުގައި މިއީ ވަރަށް ކުރީ ޒަމާނެއްގައި މި ސަރަހައްދުގައި ވަޅުލާފައިވާ ބޮލިތަކެކެވެ. ފެންނަ ފެނުމަށް މި ބޮލިވަޅުގައި އެތައް ހާސް ބޮއްޔެއް ހުންނާނެ އެވެ.
ބޮލިވަޅެއް ފެނުމާ ގުޅިގެން އެ މައުލޫމާތު އެ ރަށު ކައުންސިލުން ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖާ ހިއްސާކޮށްފައިވެ އެވެ.
ބޮލިވަޅު ފެނުމާއެކު ކައުންސިލުން ވަނީ އެކަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ކައުންސިލުން ބޮލިވަޅާ ބެހޭ މައުލޫމާތު ހެރިޓޭޖް މިނިސްޓްރީން ހިއްސާ ކުރުމުން މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
"މި ބޮލިވަޅު ފެނުނުކަމުގެ މައުލޫމާތު ރިނބުދޫ ކައުންސިލުން ހެރިޓޭޖް މިނިސްޓްރީއާ ހިއްސާކޮށްދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން. މި ކަމުގައި މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް ކައުންސިލުން އަމަލު ކޮށްދެއްވުން އެދެން،" މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ބޮއްޔަކީ އިހު ޒަމާނުގައި ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކުރި އެއްޗެކެވެ. ރިނބުދިއުން ފެނިފައިވަނީ ވެސް އިހުގައި ފައިސާގެ ގޮތުގައި ބޭނުންކުރި ފަދަ (ކައުރީ ޝެލް) ބޮލިވަޅެކެވެ.
ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ހިންގަން ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުންދާއިރު މިފަދަ އާސާރީތަކެތި ރާއްޖެގެ އެކި ކަންކޮޅުތަކުން ދަނީ ފެންނަމުންނެވެ.