ބެއިޖިން (07 ޑިސެމްބަރު) ޗައިނާގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ބުނެ އެގައުމުގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން އެންމެ ފަހުން އެ ފިޔަވަޅުތަކަށް ލުއި ދީފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ޒީރޯ ޓޮލަރެންސް ޕޮލިސީ ގެންގުޅޭ ކަމަށް ބުނެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށުމާއެކު ސަރުކާރަށް ވަނީ ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މީގެ ކުރިން ތަންފީޒު ކުރެވެމުން ދިޔަ ގަވާއިދުތަކުގެ ދަށުން ބަލީގެ އަލާމާތްތައް ނެތް މީހުން ވެސް ރެންޑަމް ސާމްލިންގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރެވެ އެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ގަވާއިދު އުވާލައި ކޮވިޑަށް ޓެސްޓު ކުރުން ބޮޑުތަނުން މަދު ކޮށްފަ އެވެ.

އޭގެ އިތުރުން ވެސް ލޮކްޑައުންއަށް ލުއި ދިނުމާއެކު ސީރިއަސް ނޫން އަލާމާތްތައް ހުރި މީހުން ސަރުކާރުގެ ފެސިލިޓީތަކުގެ ބަދަލުގައި ގޭގައި ވެސް އެކަހެރިވެ އުޅެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ހަމައެއާއެކު ދަތުރުފަތުރު ކުރުމުގައި ލުއި ތަކެއް ދީފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރުމަށް ވެސް އެގައުމުން ވަނީ ނިންމާފަ އެވެ.

ދުނިޔޭގައި ގިނަ ގައުމުތަކުގައި ކޮވިޑް ފިޔަވަޅުތައް މުޅިންހެން އުވާލާފައިވާއިރު ޗައިނާއަކީ މިހާތަނާ ޖެހެންދެން ވެސް ކޮވިޑް ފިޔަވަޅުތައް ދަމަހައްޓަމުން އަންނަ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. -- އަލް އަރަބިއްޔާ