ދޯހާ (10 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސްގެ މައްޗަށް 4-3 އިން ކުރި ހޯދައި، އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އާޖެންޓީނާ އިން 2-0ގެ ލީޑެއް ނަގާފައިވަނިކޮށް، މެޗުގެ ފަހު ބައިގައި ފަހަތުން އަރައި ނެދަލޭންޑްސް އިން ދެ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކުރުމުން މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެންޖެހުނެވެ. އިތުރު ވަގުތުގައި ނަތީޖާއެއް ބަދަލެއް ނާދެ އެވެ.
މެޗުގެ 35 ވަނަ މިނިޓުގައި އާޖެންޓީނާ އިން ލީޑު ނެގީ ނަހުއެލް މޮލީނާ ޖެހި ލަނޑުންނެވެ. މޮލީނާ އަށް ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އެވެ. ނެދަލޭންޑްސްގެ ޑިފެންޑަރުން ވަށާލައިގެން ތިއްބައި، މެސީ ދިން މޮޅު ތުރޫ ބޯޅައާއެކު، މޮލީނާ އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލާފަ އެވެ.
އާޖެންޓީނާގެ ދެވަނަ ލަނޑު މެސީ ކާމިޔާބުކުރީ މެޗުގެ 72 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އާޖެންޓީނާ އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ މާކޮސް އަކޫންޔާ އަށް ނެދަލޭންޑްސްގެ ޑެންޒެލް ޑަމްފްރީސް ކުރި ފައުލަކާ ގުޅިގެންނެވެ.
އާޖެންޓީނާ އިން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު، ނެދަލޭންޑްސްގެ ކޯޗު ލުއީ ވެން ހާލް ވަނީ ޓީމުގެ ސިސްޓަމް ބަދަލުކޮށްލައި، ދިގު ދެ ފޯވަޑުން ކަމަށްވާ ލޫކް ޑެޔޮންގާއި ވައުޓް ވެގްހޯސްޓް ކުރިއަށް އެރުވި އެވެ. އަދި އެ ހިސާބުން ފެށިގެން، ނެދަލޭންޑްސް އިން ލަނޑެއް ޖެހުމަށް މަސައްކަތްކުރީ ދިގު ބޯޅަތަކެއް އާޖެންޓީނާގެ އެރިޔާ ތެރެއަށް ލައިގެނެވެ.
ވެން ހާލްގެ މި ބަދަލު ކާމިޔާބުވީ މެޗުގެ 83 ވަނަ މިނިޓުގައ ވެގްހޯސްޓް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތަށް ދެއްކި 10 މިނިޓު ނިމެނިކޮށް އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން ތަނަވަސްކުރި ފުރުސަތެއްގައި، ވެގްހޯސްޓް ވަނީ ނެދަލޭންޑްސްގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އާޖެންޓީނާގެ ބަތަލަކަށްވީ ގޯލްކީޕަރު އެމީ މާޓިނޭޒް އެވެ. ނެދަލޭންޑްސްގެ ވާޖިލް ވެން ޑައިކް އާއި ސްޓީވަން ބާގުއިސް ޖެހި ޕެނަލްޓީތައް މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ. އާޖެންޓީނާ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބުނުވީ އެންޒޯ ފެނާންޑޭޒް ޖެހި ޕެނަލްޓީ އެކަންޏެވެ.
ސެމީ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ކްރޮއޭޝިއާ އެވެ.