ސައުތު އިންޑިއާގެ ފިލްމުތަކަށް ބޮޑު ކާމިޔާބެއް ލިބި ހިންދީ ފިލްމުތައް ފްލޮޕްވުމުގެ ސިލްސިލާއެއް ކުރިއަށް ދަނިކޮށް ރިލީޒްކުރި އަޖޭ ދޭވްގަންގެ ފިލްމު "ދުރިޝަމް 2" އަށް 200 ކްރީޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިދިޔަ މަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ ފިލްމު "ދުރިޝަމް 2" 200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް މިހާތަނަށް ބޮކްސް އޮފީހުގައި ލިބިފައިވާއިރު މިއީ އަޖޭ މިހާ ބޮޑު އާމްދަނީއެއް ލިބުނު ތިން ވަނަ ފިލްމެވެ.

އަޖޭގެ ފިލްމުތަކުގެ ތެރެއިން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2020 ގައި ރިލީޒްކޮށް އަދި އެ ފިލްމުން އަޖޭ އަށް އެންމެ މޮޅު އެކްޓަރުގެ ދެވަނަ ނެޝަނަލް އެވޯޑް ވެސް ލިބުނު "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި 2017 ގެ "ގޯލްމާލް އެގެއިން" އެވެ.

އަޖޭގެ "ދުރިޝަމް" ގެ ފުރަތަމަ ބައި ގެނެސްދިނީ 2015 ގަ އެވެ. އަދި ދެވަނަ ބައި ސިނަމާތަކަށް ގެނައީ މިދިޔަ މަހުގެ 18 ގަ އެވެ. "ދުރިޝަމް 2" އަށް މިހާތަނަށް ވަނީ އާމްދަނީގެ ގޮތުގައި 291.28 ކްރޯޑް ރުޕީސް ލިބިފަ އެވެ. "ދުރިޝަމް 2" ހެދީ 50 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.

https://www.youtube.com/watch?v=-DZ9r8ukgCg

އަޖޭ އާއި ތައްބޫ އާއި ޝްރިޔާ ސަރަން އާއި އިޝިތާ ދައްތާ އާއި އަކްޝޭ ކަންނާ އާއި ރަޖަތު ކަޕޫރާއި ސޯރަބް ޝުކްލާ ފަދަ ތަރިން ހިމެނޭ "ދުރިޝަމް" އަކީ މަރެއްގެ ހަގީގަތް ފޮރުވަން އާދައިގެ އާއިލާއެއްގެ ބަޔަކު ކުރާ މަސައްކަތާއި ކަމިގެ ހަގީގަތް ތިލަކުރަން ފުލުހުން ކުރާ މަސައްކަތް ވަރަށް ޝައުގުވެރިކޮށް ކިޔައިދޭ އެއްޗެކެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ކާމިޔާބީގެ ވާހަކަ އަޖޭ ފޭސްބުކް ވެސް ހިއްސާކޮށްފައިވެ އެވެ. "ދުރިޝަމް 2" އަކީ މި އަހަރު ރިލީޒްވި އަޖޭ، 53، ގެ ފަސް ވަނަ ފިލްމެވެ. އަދި މި ފިލްމުވެފައި ވަނީ މި އަހަރުގެ އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ތެރޭގަ އެވެ.

ޑައިރެކްޓަރު އަބީޝެކް ޕަތަކް ވަނީ "ދުރިޝަމް 3" ވެސް ހަދާނެކަން އިއުލާންކޮށްފަ އެވެ.