ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްއިން ހާސިލްވާން އެދޭ އުއްމީދުތައް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ފެތެން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ، ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގެ 15 ވަނަ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖުގަ އެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ "ޕޮލިޓިކަލް ވިޝަން: ދި 10 ޕޮއިންޓް ޕްލޭން ފޯ ފައިނޭންސިން ބަޔޯޑައިވާސިޓީ" ގެ ފައުންޑިން މެމްބަރެއް ކަމަށާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ، ދިރުންތައް ނެތިދިޔުމާއި، ވައިފެން ތަގައްޔަރުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ގައުމުތައް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، އިކުއެޑޯ، ގެބޮން އަދި އިނގިރޭސިވިލާތާއެކު ރާއްޖެއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި، ވެށި ހިމާޔަތްކުރުމަށާއި، ގެއްލުންތައް ފޫބެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް، އެއްބާލުލުން ދެއްވުމަށް ސަރުކާރުތަކަށް ގޮވާލައްވާފަ އެވެ.

ފައިސަލްގެ ވާހަކަފުޅުގައި ވިދާޅުވީ، ޖަޒީރާ ގައުމުތަކަކީ ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ގައުމުތަކަށް ވުމުން، ލިބިފައިވާ މުއްސަނދިކަމަކީ ގޮނޑުދޮށްތަކާއި، ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ކަމަށެވެ. އަދި ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުލަވާލައި ނިންމުމަށް މަސައްކަތް ކުރެވެމުންދާއިރު، ދިރުންތައް ނެތިދިޔުމާއި، ލިބޭ ގެއްލުންތައް ހުއްޓުވައި، ނުވަތަ އިއާދަ ކުރުމަށްޓަކައި، އަމަލީގޮތުން ކުރެވޭނެ ކަންކަމާއި ވަސީލަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ފައިސަލްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ގުދުރަތީ ނިޒާމްތައް ހަލާކުވެ، ދިރުންތައް މުޅިން ނެތި ފަނާވެގެން ނުދާނެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި ދުނިޔަވީ އިންތަކާއި، މިންގަނޑުތަކުގައި ދެމި ތިބުމަށާއި، އަދި ގުދުރަތީ ނިޒާމްތަކާއި ފުށުނާރާނެ ގޮތެއްގެ މަތިން ދިރިއުޅުން ކުރިޔަށް ގެންދިޔުމުގައި، ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ކޮޕް 15) ކުރިއަށް ދަނީ ކެނެޑާގެ މޮންޓްރިއަލްގައި މި ޑިސެމްބަރުމަހުގެ 7އިން 19 އަށެވެ.

ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވޯކްގައި ވަނީ މި ދިހައަހަރު ނިމުމުގެ ކުރިން، ދުނިޔޭގެ ކަނޑުތަކާއި އެއްގަމު ސަރަހައްދުތައް ހިމާޔަތްކުރުމަށާއި، ޕެސްޓިސައިޑް ބޭނުންކުރުން މަދުކުރުމަށާއި، ޕްލާސްޓިކް ކުނި ނައްތާލުމަށާއި، ދިރުންތައް ރައްކާތެރިކުރުމަށް، އަދި މާލީ ވަސީލަތްތައް އިތުރުކުރުމަށް، ސަރުކާރުތަކުން ވާޞިލްވާން ބޭނުންވާ އަމާޒުތަކާއި ހާޞިލްކުރަންބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާފަ އެވެ.