ސްކޫލު ބަންދަކީ އެއްވެސް ރޭވުމެއް ނެތި މުޅި ދުވަހު ބޭނުންކަމެއް ކުރަން ވަކި ޕްލޭންއަކާއި ނުލާ ދޫކޮށްލައިގެންވާނެ ދުވަސްތަކެއް ނޫނެވެ. "ކުދިންގެ ސްކޫލު ބަންދު ހޭދަކުރުމަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބާތޯ؟" މިއީ ކޮންމެ ބެލެނިވެރިއަކަށް ވެސް މުހިންމު ސުވާލެކެވެ. ސްކޫލު ބަންދުތެރޭގައި ކުދިންގެ އުނގެނުމުގެ މަސައްކަތް އެކީ އެކައްޗަކަށް ހުއްޓާލުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ.
ފޮތުގައި އޮންނަ އެއްޗެއް ކިޔެވުމުގެ އިތުރުން ކުދިން ބޭނުންވާ ކަމެއް ނުވަތަ އެކުއްޖަކުގެ ހޮބީއެއްގެ ގޮތުގައި ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު ދިނުމަކީ އެކުދިން ހުނަރު ތަރައްގީ ކުރުމަށް ލިބިގެންދާ ހިތްވަރަކަށް ވާނެ އެވެ. ސްކޫލު ބަންދު ދުވަސްތަކުގައި ކުދިން މިފަދަ ހުނަރު ތަރައްގީ ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އަދި އެކުދިން ލައްވާ އިތުރު ކަމެއް މިދުވަސްވަރު ދަސްކޮށްދެމިދާނެ އެވެ.
ސްކޫލު ބަންދު ދުވަސް ވަރުގައި ކުދިންގެ ހުނަރަ އިތުރުކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
ސްކޫލުގެ ޗުއްޓީ ދުވަސްވަރަކީ ދަރިވަރުންގެ ކިޔެވުމުގެ އިތުރުން އެހެން ހުނަރުތައް ތަރައްގީ ކުރުމަށް ލިބުގެންދާ ރަނުގެ ފުރުސަތެކެވެ. ހަމައެކަނި ސްކޫލިގައި ކިޔަވައިދޭ މާއްދާއަކުން އެކުއްޖާގެ މުސްތަގުބަލު ކަނޑައެޅުމަށް ފަހަރެއްގައި އުދަގޫވެދާނެ އެވެ. އެހެން ކަމުން އެކުދިންނަށް ކިޔެވުމާއި އެއްވަރަށް ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތައްވެސް މަގުފަހިވާންޖެހެ އެވެ.
ކުދިންގެ ޝައުގުވެރިވާ ހޮބީއަކީ ކޮބައިތޯ ބަލައިން އެކަމެއް ކުރިއެރުވުމަށް މަސައްކަތް ކުރުމުން އެކުއްޖަކު ކުރިއަށްދާ ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމަށް އިތުރަށް ފަސޭހަވެގެންދެ އެވެ. އަދި އެމީހުންގެ ކުރިއެރުމާއި، ތަރައްގީ އާއި، މުޅި އުމުރަށް ހުނަރު އިތުރުކުރުމަށް ހިތްވަރު ލިބިގެންދެ އެވެ.
ކުޑަ ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ މުހިއްމުވާ ސަބަބުތަކުގެ ތެރޭގައި އެކުދިން ބޮޑުވެގެން އަންނައިރު މުޖުތަމައުގައި ދިމާވާ އެކިކަހަލަ މައްސަލަތަކަށް ހައްލު ހޯދައި އެކަންތައް ހައްލު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި މިހުނަރުތަކުގެ ސަބަބުން މުޖުތަމައުގެ ފަރުދުން މެދުގައި އޮންނަ ގުޅުންތައް އިތުރަށް ރަގަޅު ކުރުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ކުއްޖާއަށް އިޖުތިމާއި ޖަޒުބާތީ ސިފަތައް ދަސްކުރުމަށްވެސް ފަސޭހަވެގެންދާ އެވެ.
މިސާލަކަށް ބުނާ ނަމަ ކުއްޖަކު ކަމެއް ދަސްކުރަން އުޅޭއިރު އެކަމެއް ކާމިޔާބުވާ ފަހަރާއި ނާކާމިޔާބުވާ ފަހަރު ކުރިމަތިވާނެ އެވެ. އަދި ނާކާމިޔާބުވާ ފަހަރު އެކުއްޖަކު މާޔޫސްވެ އެކަމެއް ކުރާހިތްނުވެ ދޫކޮށްލާ ފަހަރުވެސް ދިމާވާނެ އެވެ. އެހެންނަމަވެސް މައިންބަފައިންނަށް އެކުއްޖަކަށް ހިތްވަރުދީ ދިރިއުޅުމުގައި މިފަދަ އެތަކެއް ކަމެއް ދިމާވާނެ ކަމަށާއި ހިތްވަރާއެކު އެކަމެއް ހާސިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވިދާނެ އެވެ. އަދި ކެތްތެރިކަމާއެކު އެގޮންޖެހުންތަކުން އަރައިގަނެވޭނެކަން އެކުއްޖާއަށް ވިސްނައިދެވިދާނެ އެވެ.
މީގެ އިތުރުން ސްކޫލު ބަންދު ދުވަސްވަރުގައި ކުދިންގެ ލީޑާޝިޕް އިތުރުކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ.
ލީޑާޝިޕް ހުނަރު ތަރައްގީ ކުރުމަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަމަކަން ބަލާލާއިރު ކުދިން ބޭނުންވާ ކަމެއް ކުރުމުގެ އިހުތިޔާރު ކޮންމެ ކުއްޖަކަށްވެސް ލިބިގެންވާ ކަމަށް ބުނެވިދާނެ އެވެ. އަދި އެކަމެއް ކުރުމަށް މަގުފަހިކޮށްދެވިދާނެ އެވެ. އެހެންނަމަވެސް ކުދިން ކުރާ ކަންކަމުގައި ހިޔާލު ދިނުމަކީވެސް އެކުދިން ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.