ސްޓާ ޕްލަސް އިން ގެނެސް ދިން ޓީވީ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި ގޯޕީ ބަހޫގެ ރޯލް ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޓީވީ ބަތަލާ ދެވޮލީނާ ބަޓަޗަރުޖީ ކައިވެނިކޮށްފި އެވެ.
އުމުރުން 37 އަހަރުގެ ޓީވީ ބަތަލާ ދެވޮލީނާ ކައިވެނިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ދެވޮލީނާ ވަނީ ކައިވެނީގެ ތައްޔާރީތަކުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އެއާއެކު ގިނަ ބަޔަކު ހީކުރީ ދެވޮލީނާގެ ލޯބިވެރިޔަކީ ޑްރާމާ ސިލްސިލާގައި އޭނާގެ ޅިޔަނުގެ ރޯލު އަދާކުރި ވިކާޝް ސިންގް ކަމަށެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުތަކުގައި ވެސް ވިކާޝް ބައިވެރިވާތީ މި ޝައްކު ގިނަ ބަޔަކު ޔަގީންކުރި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ދެވޮލީނާ ވަނީ އޭނާގެ "ސިއްރު ލޯބިވެރިޔާ" ހާމަކޮށްފަ އެވެ.
ދެވޮލީނާގެ ލޯބިވެރިޔަކީ އޭނާ ކަސްރަތުކުރަންދާ ޖިމްގެ ޓްރެއިނަރު ޝާހްނަވާޒް ޝައިހާ އެވެ.
ޝާހްނަވާޒް އާއި ޑެވޮލީނާ އެންމެ ފުރަތަމަ ކައިވެނި ކުރީ ކޯޓުގަ އެވެ. އަދި އެއަށް ފަހު ގާތް ރަހުމަތްތެރިންނާއި އާއިލާގެ ހާޒިރުގައި އެ މީހުން ވަނީ ކައިވެނީގެ ޕާޓީ ބާއްވާފަ އެވެ.
ސްޓާ ޕްލަސް އިން 2012-2017 އަށް ގެނެސްދިން "ސާތު ނިބާނާ ސާތިޔާ" ގެ އިތުރުން އޭގެ 2020-2022 އަށް ގެނެސްދިން އޭގެ ދެވަނަ ސީޒަންގެ ރޯލެއް ވެސް ދެވޮލީނާ ކުޅެފައިވެ އެވެ. "ބިގް ބޮސް 13" ގެ އިތުރުން އޭނަ އެ ޝޯގެ 14 އާއި 15 ގައި ވެސް ހިއްސާވި އެވެ.