ސަރުކާރުން ތަސްދީގު ނުކުރާނެކަމަށް ބުނި، "ކުނި މެނޭޖްކުރުމުގެ ބިލް" ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިއަދު އެ ބިލު ތަސްދީގުކުރެއްވީ އެ ބިލުގެ 44 ވަނަ މާއްދާއާ ގުޅިގެން ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ގިނަ އަދަދެއްގެ ޖަމިއްޔާތަކުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މި ބިލު ތަސްދީގު ކުރުމާ ގުޅިގެން ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވްދަ ބީޗް އަދި ނޯ ޕްލާސްޓިކް މޯލްޑިވްސްގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން މިއަދު ވަނީ ނޫސްބަޔާނެއްވެސް ނެރެފަ އެވެ.
މި ނޫސްބަޔާނުގައި ބުނެފައި ވަނީ ކުނި މެނޭޖްކުރުމުގެ ބިލު ހަ މަސް ދުވަހު މަޖިލީހުގައި އޮތް އިރު އެފަދަ ބޮޑު މައްސަލައަކާ ގުޅިގެން އެއްވެސް ވަރަކަށް އާންމުންގެ ހިޔާލު ހޯދާފައި ނުވާ ކަމަށެވެ.
ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި އެ ބިލު ތަސްދީގުކޮށްފި ނަމަ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ "ކުނި ގޮނޑަކަށް" ރާއްޖެ ވެދާނެ އެވެ.
އެ އިސްލާހުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ ނިޒާމު ރެގިއުލޭޓް ކުރުމަށް ގާނޫނީ ގޮތުން ވަރަށް ބޮޑަށް މަގުފަހިވެގެން ދިޔަ ނަމަވެސް ވޭސްޓް- ޓު- އެނާޖީގެ ދަށުން ހުއްދަ ނަގައިގެން ކުނި އެތެރެކުރެވޭ ގޮތަށް ބިލުގެ 44 ވަނަ މާއްދާ އިސްލާހު ކުރުމުން އެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.
ޖަމިއްޔާތަކުން ބުނީ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކީ މާލީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވެސް ބުރަ ބޮޑު ކަމެއް ކަމަށާއި އަދި ރާއްޖެއަކީ ކުނި އަޅާ ތަނަކަށް ހެދުމުގެ ފުރުސަތު ބޭރުގެ ކުންފުނިތަކަށް ނުލިބޭ ގޮތަށް ގަވާއިދުތައް ހަދަން ޖެހޭ ކަމަށެވެ. އަދި މި ބިލު ތަސްދީގުނުކުރުމަށް ރައީސް ސޯލިހަށް ކުރިން ގޮވާލާފައިވެ އެވެ.
މިދިޔަ މަހުގެ 28 ގައި މަޖިލީހުން ފާސްކުރި މެނޭޖު ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން ކުނި މެނޭޖްކުރުމުގެ ލައިސަންސެއް ނުވަތަ މިނިސްޓްރީގެ ހުއްދަނެތި ވިޔަފާރި އުސޫލުން އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން މަނާ ވާނެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅިއިރު، އެއްވެސް ފަރާތަކުން ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި އޮތީ ބަޔާންކޮށްފައެވެ. ކުނި އެތެރެކުރެވޭ ގޮތަށް ބަދަލު ގެނައީ ކޮމިޓީ މަރުހަލާގަ އެވެ.