ދޯހާ (18 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެ، އާޖެންޓީނާ އިން 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި އެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ އާޖެންޓީނާ ތައްޓާ ހަމައަށް ލީޑު ކުރިއިރު، މިރޭގެ މެޗުގައި ވެސް މެސީ ވަނީ މުހިންމު ދަނޑިވަޅުތަކުގައި ތަފާތު ދައްކައިފަ އެވެ.
ވޯލްޑް ކަޕްގެ ތަށި 1962 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާ ފުރަތަމަ ގައުމަށް ވުމަށް ފްރާންސް އިން ކުރި މަސައްކަތް ނާކާމިޔާބުވިޔަސް، މި މެޗުގައި ފްރާންސްގެ ޓީމުން ދެއްކި ހިތްވަރަށް ސާބަސް ހައްގެވެ. މި މެޗުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ހެޓްރިކެއް ހެދިއިރު، މިއީ 1966 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފައިނަލެއްގައި ހެޓްރިކެއް ފެނުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. އަދި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ކުޅުން ނިމުނުއިރު، ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން 2-0 ގެ ލީޑެއް ނެގި އެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ޖެހީ މެސީއެވެ. އާޖެންޓީނާ އަށް ޕެނަލްޓީ ލިބުނީ އެ ޓީމުގެ އަންހެލް ޑިމާރިއާ އަށް ފްރާންސްގެ އުސްމާނޭ ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެނެވެ.
ފްރާންސަށް ރައްދެއް ނުދެވި އުޅެނިކޮށް، އާޖެންޓީނާ އިން ލީޑު ފުޅާކުރީ ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި، ޑިމާރިއާ ޖެހި ލަނޑުންނެވެ. ކައުންޓާ އެޓޭކް އުފެއްދުގައި މެސީ މުހިންމު ރޯލެއް އަދާކުރި އެވެ. މެސީ ޖައްސާލި ބޯޅައިން ހޫލިއަން އަލްވަރޭޒް ދިން ތުރޫ ބޯޅައަކަށް އެރީ އެލެކްސިސް މެކަލިސްޓާއެވެ. އޭނާ ހުރަސްކޮށްލި ބޯޅަ އަށް މުޅިން ހުސްކޮށް އަރައި، ޑިމާރިއާ ވަނީ ހަމެޖެހިލާފައިވާ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު 10 މިނިޓާ ހަމައަށް ފްރާންސަށް އާޖެންޓީނާގެ ޑިފެންސް ފޫއަޅުވައެއް ނުލެވުނެވެ. އަދި މެޗުގެ ބޮޑުބައިގައި، އެ ޓީމުގެ ތަރި އެމްބާޕޭ ފެނުނީ މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށެވެ. އެކަމަކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ގެނައި ބަދަލުތަކާއެކު، ފްރާންސްގެ ކުޅުމަށް ކުރިއެރުމެއް ލިބުނެވެ. އަދި ނަސީބު އަތުގައި ހިފީ މެޗުގެ 80 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.
ޕެނަލްޓީ ކާމިޔާބުކޮށް، ފްރާންސަށް އުންމީދު އާކޮށްދިނީ އެމްބާޕޭ އެވެ. އަދި އޭގެ އެއް މިނިޓު ފަހުން ލިބުނު ފުރަސަތެއްގައި އެމްބާޕޭ ފޮނުވާލި ބާރު ޝޮޓެއް ގޯލަށް އަމާޒުވެ، ފްރާންސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ.
މެޗުގެ އިތުރު ވަގުތުގައި މެސީ ވަނީ އާޖެންޓީނާ އަށް އަލުން ލީޑު ހޯދައިދީފަ އެވެ. އެކަމަކު އިތުރު ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ފްރާންސަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެމްބާޕޭ ތިން ވަނަ ފަހަރަށް ފްރާންސަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ވެސް އާޖެންޓީނާ މެސީ އާއި ފްރާންސްގެ އެމްބާޕޭ ކާމިޔާބުކުރި އެވެ.
އެކަމަކު ފްރާންސްގެ ކިންގްސްލީ ކޯމަން ޖެހި ޕެނަލްޓީ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއުކުރިއިރު، އައުރެލިއަން ޗުއަމޭނީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
އާޖެންޓީނާގެ ޕައޮލޯ ޑިބާލާ އާއި ލިއަންދުރޯ ޕަރޭޑޭސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އަދި އެ ޓީމުގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް، ތަށި ކަށަވަރުކޮށްދިނީ ގޮންޒާލޯ މޮންޓިއެލް އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ އެ ޓީމުގެ މާޓިނޭޒެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދޭ ރަންބޫޓު ލިބުނީ އެމްބާޕޭއަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މެސީ އެވެ.