ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށިލުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ރަމްޒެއްގެ ގޮތުގައި އުސްފަސްގަނޑުގައި ބެހެއްޓި "ބަޖިޔާ ގާ" އަލުން ބަހައްޓައި މިއަދު ހުޅުވައިފި އެވެ.

ރާއްޖެއިން ޖަޕާނު ސަރުކާރާއެކު ސިޔާސީ ގުޅުން ގާއިމް ކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޓެޓްރާޕޮޑް ނުވަތަ ބަޖިޔާ ގާ މޮނިއުމެންޓެއްގެ ގޮތުގައި އުސްފަސްގަނޑުގައި އަލުން ބަހައްޓައި އިފްތިތާހު ކޮށްދެއްވީ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކޭ ޝުންސުކޭ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މާލޭގެ ވަށާ ލާފައިވާ ތޮއްޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި 1987 ވަނަ އަހަރު ގާއިމުކުރި ތޮއްޓެކެވެ. މިއީ ރާއްޖޭގައި ޝޯ ޕްރޮޓެކްޝަން ނުވަތަ ގޮނޑުދޮށް ހިމާޔަތްކުރުމަށް މިހާތަނަށް ވެސް ހިންގާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ. އެންމެ ޒަމާނީ ފެންވަރަށް "ޓެޓްރަޕޮޑް" ގައު ބޭނުންކޮށްގެން ލާފައިވާ ބޭރު ތޮއްޓަކީ، މޫސުމީ އެކި ކާރިސާތަކުން މާލެ ސަލާމަތްކޮށްދިން މަޝްރޫއެކެވެ.

ޖަޕާނުން ގާއިމްކޮށްދިން ބޭރު ތޮށި ރަމްޒުކޮށްދޭ މޮނިއުމެންޓް އެންމެ ފުރަތަމަ ބަހައްޓާފައި ހުރީ މާލޭ އަޑި ޕާކު ތެރޭގަ އެވެ. އެ މޮނިއުމެންޓު ނަގާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިނަމާލެ ބްރިޖް މަޝްރޫ ހިންގުމަށެވެ.

ރާއްޖެ އާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1967 ވަނަ އަހަރު އެވެ. މި އަހަރު ދެ ގައުމުގެ ގުޅުމަށް 55 އަހަރު ވަނީ ފުރިފަ އެވެ.