ތަރައްގީވެ ތަހުޒީބުވެފައިވާ މި ޒަމާނުގައި ގިނަ ބަޔަކު ނުކާ އެއްޗެއް މަދުވާނެ އެވެ. ހަމައެހެންމެ ދުވަހަކު ވެސް ނުކާ އެއްޗެއްގެ ރަހަ ބަލާލުމަކީ މިޒަމާނުގައި ގިނަ ބައެއްގެ އާދަ އެވެ.

ހަމައެފަދައިން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށްޓަކައި ކާއެއްޗެއްސާ މެދު ހޭލުންތެރިވުމަކީ ވެސް މުހިންމު ކަމެކެވެ.

އެގޮތުން ނޯޕަލް ކެކްޓަސް އަކީ ސިއްހަތަށް ރަނގަޅު ކާނާގެ ބާވަތްތައް އެކުލެވިގެންވާ އެއްޗެކެވެ. ކެކްޓަސްގެ މި ބާވަތަކީ މެކްސިކޯގެ މަޝްހޫރު އެކި ކެއުންތަކުގައި ވެސް ހިމަނާ އެއް ބާވަތެކެވެ.

ނޯޕަލް ކެކްޓަސް އަކީ ސިއްހަތު ހެޔޮވުމުގެ އިތުރުން މީރު ކާނާއެކެވެ. ހަމައެހެންމެ މިއީ އެކި ކަންކަމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް ހިމެނިގެންވާ ކާނާއެކެވެ. އަދި އެއީ ހަށިގަނޑުގައި ފެން މަދުވެފައިވާނަމަ، ހައިޑްރޭޓް ކޮށްދޭ ކާނާއެކެވެ.

ކެކްޓަސް އަކީ ކައުމަށް ބޭނުންކުރާ ބާވަތެއް ކަމަށް ގިނަ ބަޔަކަށް ހީީނުވެދާނެ އެވެ. އެހެންނަމަވެސް އެއީ ހަށިގަނޑަށް ބޭނުންވާ އެކި ފައިދާކުރުވަނިވި ތަކެތިން ފުރިފައިވާ އެއްޗެއްކަން ހޯދުންތަކުން ހާމަވެފައިވެ އެވެ.

މި ބާވަތުގެ ބައެއް ގަސްތައް ރާއްޖޭގައި މަދުމަދުން ނަމަވެސް ހައްދާފައި ހުރެ އެވެ.