ގާނޫނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމާ މެދު ބާ ކައުންސިލުން ޚިޔާލަށް ހުޅުވާލައިފި އެވެ.

ބާ ކައުންސިލަށް އާމްދަނީ ހޯދުމަށްޓަކައި ފީތަކެއް ނެގުމުގެ ބާރު ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެ ކައުންސިލަށް ލިބިދެ އެވެ. އެކަމަކު ވަކީލުންގެ ލައިސަންސް އާ ކުރުމުގެ ފީ ނެގޭނީ 2024 ވަނަ އަހަރުގެ ފަހުން ކަމަށް ގާނޫނުގައިވެ އެވެ.

ބާ ކައުންސިލުން ބުނީ ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް ލިބޭ ފައިސާއިން އެކަށީގެންވާގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށެވެ. އެހެންވެ، އިތުރު ފީތަކެއް ނެގުމަށް ޚިޔާލަށް ހުޅުވައިލީ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ހުށަހަޅާފައިވަނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމަށެވެ. އެ ކައުންސިލުން ފީ ނަގން ހުށަހަޅާފައިވަނީ ތިރީގައިވާ ގޮތަށެވެ.

  • ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ހޯދާނަމަ 6،000ރ. ގެ ފީއެއް
  • ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް 4،000ރ.
  • ލޯފާމް ރަޖިސްޓްރީ ކުރުމާއި އަހަރީ ފީއަށް އަހަރަކު 3،000ރ.
  • ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް އެޕްރޫވްކުރަން ފަހަރަކު 50،000ރ.
  • ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް ރީ އެޕްރޫވްކުރަން ފަހަރަކު 50،000ރ.
  • ބިދޭސީ ވަކީލުން ދަށު ކޯޓުތަކަށް ދިއުމުގެ ހުއްދައަށް ކޮންމެ މައްސަލައަކަށް 20،000ރ.
  • ބިދޭސީ ވަކީލުން ހައި ކޯޓަށް ދިއުމުގެ ހުއްދައަށް މައްސަލައަކަށް 20،000ރ.
  • ބިދޭސީ ވަކީލުން ސުޕްރީމް ކޯޓަށް ދިއުމުގެ ހުއްދައަށް ކޮންމެ މައްސަލައަކަށް 20،000ރ.
  • ވަކީލުންގެ ކާޑު ހެއްދުން އަދި އާކުރުމަށް ފަހަރަކު 500ރ.
  • ލައިސަންސް ގެއްލިގެން އާކުރަން ފަހަރަކު 500ރ.
  • ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ލައިސަންސް ހޯދަން އަދި އާކުރަން އަހަރަކު 2،500ރ.

މިގޮތަށް ފީ ނަގާނަމަ، އެ ކައުންސިލަށް އިތުރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.