ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނެވުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރައީސް މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މި ހަފުތާ ބަންދުގައި ކަމަށެވެ.

މި ދަތުފުފުޅުގައި ހުވަދު އަތޮޅު އުތުރު ބުރީގެ ތިން ރަށަކަށް ރައީސް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގއ. ދާންދޫ، ނިލަންދޫ، މާމެންދޫ އަށް ރައީސް ވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ރައީސްގެ މި ދަތުުރުފުޅުގައި މި ރަށްރަށުގައި ނިންމާފައިވާ މަޝްރޫއުތައް ރައީސް އިފްތިތާހްކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ރަށުގެ ކައުންސިލާއި، އެރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބޭކަނބަލުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން އެރަށްތަކުގެ ބައެއް އިދާރާތަކަށް ވެސް ޒިޔާރަތް ކުރައްވާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

ރައީސް މާދަމާ ފައްޓަވާ މި ދަތުރުފުޅު ނިންމަވައި މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު އެވެ.

މީގެ އިތުރުން މި މަހުގެ 26 ގައި މ ކޮޅުފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދިވެހީންގެ އެއްބައިވަންތަކުގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ރަށުގައި ބާއްވާތީ އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު 26 ވަނަ ދުވަސް ދިވެހީންގެ އެއްބައިވަންތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެންބަރު 26، 2004 ގައި ކުރިމަތި ސުނާމީ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. ކޮޅުފުއްޓަކީ އެ ކާރިސާގައި އެންމެ ބޮޑުވަރުވި އެއް ރަށެވެ.