މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަތަކުގައި ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ މައްސަލާގައި ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދައުރު މިނިމެނީ ކަމަށާއި އެކަމަކު އެ ދެ މައްސަލައަށް ވެސް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައި ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީ މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ތަފާތު ތިން މައްސަލައެއްގައި ދައުވާ އުފުލާފައިވެ އެވެ.

ފުރަތަމަ އުފުލި މަނީ ލޯންޑަރިން ދައުވާގައި އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިނަމަވެސް ޖަލުގައި ދެ އަހަރެއްހާ ދުވަސްވީ ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. އޭގެ ފަހުން އިތުރު ދެ މައްސަލައެއްގެ ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން ވ .އާރަށާއި ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިން ދައުވާގެ މައްސަލައިގެ ހުކުމް އިއްވުން އަންނަ އާދީއްތަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ހިޔާނާތް ހިންގިކަމަށް އިއުތިރާފުވެ ޖަލު ހުކުމް މިހާތަނަށް އިއްވާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތަށެވެ. އެކަމަކު އެދެމީހުން އަތުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ފައިސާ އަތުލުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެެއް ނުވެ އެވެ.

އޭގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ވިލިމާފަންނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ދައުވާ އުފުލާފައިވެ އެވެ.

ވެންޓިލޭޓަރު މައްސަލާގައި ސަރުކާރުން ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވީ ނަމަވެސް އެކަމުގެ އެންމެ އަޑީގައި ތިބީ ނުފޫޒު ގަދަ އިސްވެރިން ތިބިކަމަށް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.