ގއ. ނިލަންދޫގައި ޒަމާނީ ފެންވަރުގެ އާ އިންޖީނުގެ އާއި ފެނަކައިގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފި އެވެ.

ނިލަންދޫ އާ އިންޖީނުގެއާއި، ފެނަކަ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. މީހުން ނޫޅޭ ސަރަހައްދުތަކަށް އިންޖީނުގެތައް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެރަށުގައި އިންޖީނުގެއެއް ހުޅުވާފައި މިވަނީ 22 އަހަރު ފަހުންނެވެ.

މީގެ ކުރިން އެ ރަށުގައި ހުރި އިންޖީނުގެ 23 ތަނަކަށް ބަދަލުކޮށްފައިވާއިރު، އޭރުވެސް އިންޖީނުގެ ބަދަލުކުރީ މީހުން އުޅޭ ސަރަހައްދުތަކަށް ކަމަށްވެ އެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ދަތިތަކާއި ކުރިމަތިވާއިރު، އާންމުންގެ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެރަށުގައި އައު އިންޖީނުގޭގެ ބިންގާ އެޅީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނިލަންދޫގައި އަލަށް އިމާރާތް ކުރި އިންޖީނުގެ ބޮޑުމިނަކީ 179 އަކަމީޓަރެވެ. އަދި މި އައު އިމާރާތުގައި 1050 ކިލޯވޮޓުގެ ކެޕޭސިޓީގެ އިންޖީނު ވަނީ ބަހައްޓަފަ އެވެ. އޭގެއިތުރުން ޢައު އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ސެޓް ބެހެއްޓޭ ގޮތަށް ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ. އަދި އިންޖީނުގޭގައި ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ވޯކް ޝޮޕް، ސްޓޯރު، ޕޭންޓްރީ، ފާޚާނާ، ޗިމްނީ، ޑޭ ޓޭންކް، އަދި ޑީސަން ޓޭންކް ހުރެ އެވެ.

މި މަސައްކަތް "ކިއު ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ މި މަސައްކަތަށް ހަރަދުކޮށްފައިވެ އެވެ.