ސަބް ޓީވީން ދައްކާ ސީރީޒް "އަލީ ބާބާ: ދާސްތާން-އޭ-ކާބުލް" ގައި ލީޑް ރޯލު ކުޅޭ ބަތަލާ ތުނީޝާ ޝަރުމާ އެ ސީރީޒްގެ ސެޓުގައި މަރުވި މައްސަލާގައި އެ ސީރީޒްގައި ބަތަލްގެ ރޯލް އަދާކުރާ ޝީޒަން މުހައްމަދު ޚާން ހައްޔަރުކޮށްފި އެވެ.

އުމުރުން 20 އަހަރުގެ ތުނީޝާ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނުނީ ހޮނިހިރު ދުވަހުގެ މެންދުރު 3:30 ހާއިރު ޝީޒަންގެ މޭކަޕް ކޮޓަރީގެ ތެރޭގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތުނީޝާ މަރުވި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލާގައި އެ ސީރީޒްގައި އަލީ ބާބާގެ ރޯލު އަދާކުރާ މުހައްމަދު ޝީޒަން ޚާން އިއްޔެ ހެނދުނުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ތުނީޝާގެ މަރުގައި ޝީޒަންގެ އަތެއް ވާކަމަށް ތުނީޝާގެ މަންމަ ތުހުމަތުކުރެ އެވެ.

ޝީޒަން އާއި ތުނީޝާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަދި މަރުވުމުގެ ފަސް ގަޑިއެއްހާއިރު ކުރިން ވެސް ތުނީޝާ ވަނީ އެ ސީރީޒްގެ ސެޓުގައި ނަގާފައިވާ ވީޑީއޯއެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އަދި ޝީޒަންގެ އިތުރުން އެ ސީރީޒްގައި ތުނީޝާއާ އެކު މަސައްކަތްކުރި ހުރިހާ އެކްޓަރުންނާއި ޕްރޮޑަކްޝަން މެމްބަރުންނާ ސުވާލުކޮށް އެ މީހުންގެ އެއްވެސް ވަރެއްގެ ޝާމިލުވުމެއް މިކަމުގައި އޮތްތޯ ފުލުހުން ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ތުނީޝާ އާއި ޝީޒަން

ތުނީޝާއަކީ ކުޑައިރުން ފެށިގެން އެކްޓު ކުރަމުން އައި މީހެކެވެ. އޭނާ ކެރިއަރު ފެށީ ސޮނީ ޓީވީގެ "މަހަރަނަ ޕްރަތާޕް" ޝޯއިންނެވެ.

އޭގެ ފަހުން ގިނަ ސީރީޒްތަކާއި ބޮލީވުޑް ފިލްމުތަކުން ފެނިގެން ދިޔަ އެވެ.

ތުނީޝާ ފެނިގެންދިޔަ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި އަދިތުޔާ ރޯއި ކަޕޫރާއި ކެޓުރީނާ ކައިފް ލީޑް ރޯލު ކުޅެފައިވާ "ފިތޫރު" ގައި ތުނީޝާ އަދާކުރީ ކެޓުރީނާގެ ކުޑައިރުގެ ރޯލެވެ. އަދި ކެޓުރީނާގެ "ބާރު ބާރު ދޭކޯ"ގައި ވެސް ތުނީޝާ ބައިވެރިވި އެވެ.

ވިދްޔާ ބާލަންގެ "ކަހާނީ 2"ގައި މިނީގެ ރޯލު އަދާކޮށްފައި ވަނީ ވެސް ތުނީޝާ އެވެ. އަދި ސަލްމާން ޚާންގެ "ދަބަންގް 3"ގައި ވެސް ތުނީޝާ ބައިވެރިވި އެވެ.