ގުޖުރާތު (ޑިސެމްބަރު 30)- އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންމާފުޅު ހީރާބާން އުމުރުފުޅުން 99 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

އަވަހާރަވީ އިރު މޯދީގެ މަންމާފުޅަށް ދިޔައީ ގުޖުރާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ. ހާލު ދެރަވެެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބުދަ ދުވަހު އެވެ.

މޯދީ އަކީ އާއްމުކޮށް މަންމަގެ އަރިހަށް ޒިޔާރަތް ކުރައްވާ ބޭފުޅެކެވެ. މުހިންމު ހަފުލާތަކާއި ފެސްޓިވަލްތަކުގެ ކުރިން މަންމާފުޅަށް ޒިޔާރަތް ކުރައްވައި މަންމާފުޅުގެ ރުހުމާއި ބްލެސިން ހޯއްދަވައިފަ އެވެ.

ހީރަބަންގެ 99 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ޖޫން 18 ވަނަ ދުވަހު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަޚުސިއްޔަތާއި ނަފްސުގެ އިތުބާރަކީ މަންމާފުޅުގެ ގުރުބާނީ ކަމަށެވެ.

މަންމާފުޅާ އެކު މޯދީ އެންމެ ފަހުން ފެނިވަޑައިގެންފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ. ގުޖުރާތުގެ އެސެމްބްލީ އިންތިޚާބުގައި މޯދީ ވަނީ ގެއަށް ވަޑައިގެން މަންމާފުޅާ ބައްދަލު ކުރައްވައިފަ އެވެ.

ހީރަބަން ދިރިއުޅުއްވަނީ މޯދީގެ ކޮއްކޯފުޅާއި އާއިލާގެ އެހެން ބޭފުޅުންނާ އެކު އެވެ.

މޯދީގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ސިޔާސީ ފަރާތްތަކުން ގެންދަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

ހީރަބަން އުފަންވެވަޑައިގެންނެވީ ގުޖުރާތުގެ މެހްސަނާ އަވަށުގައި 1923 ވަނަ އަހަރު އެވެ.

މޯދީ ލިޔުއްވާފައިވާ ގޮތުގައި މަންމާފުޅުގެ ޅަ އުމުރުގެ ދުވަސްތައް ހޭދަކުރެއްވީ ވަރަށް ފަގީރު ހާލަތުގަ އެވެ. ފުރާވަރަށް އެޅުމުން އެކަމަނާ ވަނީ ޑަމޮޑާޑަސް މުލްޗަންޑް މޯދީއާ ކައިވެނި ބައްލަވައިގެން ވަޑަނަގަރު ޓައުނަށް ދިރިއުޅުން ބަދަލު ކުރައްވައިފަ އެވެ.

މޯދީ ލިޔުއްވާފައިވާ ގޮތުގައި ވަޑަނަގަރުގައި ވެސް އާއިލާ ދިރިއުޅުއްވީ ކުޑަދޮރެއް އަދި ފާޚާނާއެއް ވެސް ނެތް ކުޑަ ގެއެއްގަ އެވެ. މޯދީ ސިފަކުރައްވާފައިވާ ގޮތުގައި މަންމާފުޅަކީ ވަރަށް ސާފުތާހިރު ގަޑިއަށް ކަމޭހިއްތަވާ، އަދި ބުރަ މަސައްކަތް ކުރެއްވި މަޔެއްގެ ގޮތުގަ އެވެ.

މޯދީ ވިދާޅުވެފައިވާ ގޮތުގައި މަންމާފުޅަކީ ދުވަހަކު ވެސް ޕަބްލިކް ޕްރޮގްރާމެއްގައި ބައިވެރިވެޑައިގެންނެވި ފަރާތެއް ނޫނެވެ. މޯދީއާ އެކު ވެސް ބައިވެވަޑައިގެންނެވީ އެންމެ ދެ އިވެންޓެއްގަ އެވެ. އޭގެ ތެރޭން އެއް އިވެންޓަކީ 2001 ވަނަ އަހަރު ގުޖުރާތުގެ ޗީފް މިނިސްޓަރު ކަމުގެ ހުވާ މޯދީ ކުރެއްވި ރަސްމިއްޔާތެވެ.

"އޭގެ ފަހުން ދުވަހަކު ވެސް މަންމާފުޅު އަޅުގަނޑާ އެކު އެއްވެސް އިވެންޓެއްގައި ބައިވެރިވެވަޑައިގެންފައެއް ނުވޭ،" މޯދީ ލިޔުއްވާފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ، މަންމާފުޅު ހީރަބަންއާ އެކު

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް 2014 ވަނަ އަހަރު މޯދީ ވަޑައިގެން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވެސް ހީރަބަން ވަޑައިގެންފައެއް ނުވެ އެވެ. ދިއްލީ އަށް ވަޑައިގެން މޯދީއާ ހީރަބަން ބައްދަލު ކުރެއްވީ އޭގެ ދެ އަހަރު ފަހުންނެވެ. ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މަންމާފުޅާ ބައްދަލު ކުރައްވާ ފޮޓޯތައް މޯދީ އެ ފަހަރު ވަނީ ޓްވީޓް ކުރައްވައިފަ އެވެ.

އޭގެ މަސްތަކެއް ފަހުން މޯދީގެ ސަރުކާރުން 500 އާއި 1،000 ރުފިޔާގެ ނޫޓުތައް މަނާކުރުމުން ކުރީގެ ނޫޓުތައް ބަދަލު ކުރުމަށް ބޭންކަށް ހީރަބަން ވަޑައިގެން ހުންނެވި މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ.