ބޮލީވުޑްގައި މިހާރު އެންމެ އަޑުގަދަ ވާހަކައަކީ ސައުތު ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު ޕްރަބާސް އާއި މަޝްހޫރު ބަތަލާ ކްރިތީ ސެނޯންގެ ކައިވެނީގެ ވާހަކަ އެވެ.

ދެ ތަރިން ވަރަށް އަވަހަށް އެންގޭޖްވާން އުޅޭކަމަށް ސޯޝަލް މީޑިއާގައި ހަބަރުފެތުރިފައިވާއިރު، ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދިފައިވަނީ ދާދިފަހުން ޝޫޓިން ނިންމާލި "އާދީޕުރުޝް"ގެ ޝޫޓިން ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދާދި ފަހުން އިންޑިއާގެ ޝޯއެއްގައި ޕްރަބާސް ފެނިފައިވާއިރު، ޝޯ ހޯސްޓުކުރަން ހުރި ބާލައްޔާ ވަނީ ޕްރަބާސް އާއި ކްރިތީގެ މެދުގައި އޮތީ ކޮން ގުޅުމެއްތޯ ސުވާލުކޮށްފަ އެވެ. އަދި ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ވޭތޯ ނުވަތަ ނޫންނަމަ އެކަން އާންމުންނަށް ސާފުކޮށްދިނުމަށް އޭނާ އެދިފައިވެ އެވެ.

އެ ސުވާލަށް ޖަވާބުދެމުން ޕްރަބާސް ބުނީ، މީގެ ކުރިން ވެސް އެފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އާންމުންގެ ހުރިހާ ސުވާލުތައް ކްރިތީ ސާފުކޮށްދީފައި ވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ކްރިތީ އިންސްޓަގްރާމް ސްޓޯރީގައި ބުނީ، ނޫސްތަކުގައި ކްރިތީ އާއި ޕްރަބާސްއާ ދެމެދު ލޯބީގެ ގުޅުމެއްވާ ކަމަށާއި، އެ ދެމީހުން ކައިވެނިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ކޮފީ ވިތު ކަރަންގެ ސީޒަން ހަތް ވަނަގައި ޕްރަބާސް އާއި ކްރިތީ އެކުގައި ވަނީ ފެނިފަ އެވެ. އެ ދެ ތަރިންގެ ޖޯޑު ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

ގިނަ ސަޕޯޓަރުން ތިބީ ޕްރަބާސް އާއި ކްރިތީގެ ފިލްމަށް އިންތިޒާރު ކޮށްގެންނެވެ. އެ ފިލްމު ނެރެން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.