ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ހާލަތު ވަޒަންކޮށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑްއިން ތައްޔާރުކުރި ރިޕޯޓުގެ ކޮޕީއެއް ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށައަޅުއްވައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް އީވާ ފޮނުވި ސިޓީގައި ވަނީ އައިއެމްއެފްގެ އާޓިކަލްސް އޮފް އެގްރިމެންޓުގެ 4 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު އެ ފަންޑުގެ މެންބަރު ގައުމުތަކުގެ އިގްތިސާދީ އަދި މާލީ ހާލަތު ވަޒަންކުރާ ކަމަށެވެ.

އެގޮތުން 2022 ވަނަ އަހަރުގެ ޑިސެންބަރު 10 ވަނަ ދުވަހުގައި އައިއެމްއެފްގެ ފަންނީ މުވައްޒަފުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު އެއްކޮށް، ރިޕޯޓެއް ތައްޔާރުކޮށްފައިވާކަން އެ ދަތުރަށްފަހު އެ ފަންޑުން ނެރުނު ބަޔާނުން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އެ ރިޕޯޓު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ވަޒަންކޮށްފައިވާކަމާއި، ދައުލަތުގެ ދަރަންޏާމެދު ކަންބޮޑުވުން އިތުރުވެފައިވާކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ހަރަދުތައް ހިފަހެއްޓުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތަކުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެ ބަޔާނުން އެނގޭކަމަށް ބުނެފައިވެ އެވެ.

އައިއެމްއެފުން އެކުލަވައިލާ މި ރިޕޯޓުތައް އާންމުކުރަނީ އެ ރިޕޯޓެއް ނިސްބަތްވާ ގައުމެއްގެ ސަރުކާރުގެ ރުހުމާއެކުކަމަށްވާއިރު، 2020 ވަނަ އަހަރުގެ ފަހުން އައިއެމްއެފްގެ އާޓިކަލް 4ގެ ދަށުން އެ ފަންޑުން ތައްޔާރުކުރާ ދިވެހިރާއްޖެއާ ގުޅުންހުރި ރިޕޯޓުތައް އާންމުކޮށްފައިނުވާކަމަށް އީވާ ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަންކޮށްފައިވާ ގޮތާމެދު އައިއެމްއެފުން ދެކޭ ގޮތް އެންމެ ތަފުސީލުކޮށް ދެނެގަނެވޭނީ އެ ރިޕޯޓުންކަމަށްވާތީ، އެ ރިޕޯޓަކީ 2020 ވަނަ އަހަރުގެ ކުރިން ފާއިތުވި 10 އަހަރުވެސް އާންމުކޮށް ޝާއިއުކުރާ ރިޕޯޓަކަށްވާތީ، އެ ރިޕޯޓުގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސަވަން އީވާ އެދިވަޑައިގެންފައިވެ އެވެ.

އީވާ ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ އިގްތިސާދީ އަދި މާލީ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، އަމުދުން ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ހިއްސާނުކުރުމަކީ ނުރައްކާ ކަމެއް ކަމަށެވެ.