މައްކާ (ޖެނުއަރީ 4) - ސައުދީ އަރަބިއާ އަށް ވިއްސާރަވުމަކީ ވަރަށް މަދުން ނޫނީ ކުރިމަތިނުވާ ކަމެކެވެ. އޭގެ އިތުރުން މުސްލިމުންގެ އެންމެ މުގައްދަސް ދެ ހަރަމްފުޅު ހިމެނޭ މައްކާ އާއި މަދީނާ އަށް އާދަޔާޚިލާފަށް ވިއްސާރަކުރުމަކީ ބައެއް މީހުން އަޖައިބުވާވަރުގެ ކަމެކެވެ. އެކަމަކު މިއީ މައްކާ އާއި މަދީނާ އަށް އެ އާދަޔާޚިލާފު ދުވަސްވަރެވެ. އެ މާތް ދެ ސިޓީ އަށް މިދުވަސްވަރު ދަނީ ގަދަޔަށް ވިއްސާރަކުރަމުންނެވެ.
ހޫނުގަދަ މެދުއިރުމަތީގެ ގައުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދަނީ ގަދަޔަށް ވިއްސާރަކުރަމުންނެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު މައްކާ އަށް ވެސް ވަނީ ބޯކޮށް ވިއްސާރަކޮށްފަ އެވެ. ހަރަމްފުޅުގައި ބައެއް މީހުން ތޮވާފު ކުރަމުން ދިޔައީ ތެމި ފޯވެގެންނެވެ.
މައްކާއާ ޖެހިގެން އޮންނަ ޖިއްދާ އަށް ދިޔައީ މިދިޔަ ނޮވެމްބަރުން ފެށިގެން ވިއްސާރަކުރަމުންނެވެ. ވާރޭވެހި ޖިއްދާގެ މަގުތައް ވަނީ ބަންޑުންވާ ހިސާބުގަ އެވެ. މަދީނާ އަށް ވެސް މިދުވަސްވަރު ވަނީ ގަދަ ވިއްސާރަ ލައިގެންފަ އެވެ.
ވިއްސާރަވުމުގެ ސަބަބުން މައްކާ ސަރަހައްދުގެ ޔުނިވާސިޓީތަކާއި ސްކޫލްތައް ވެސް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
މިއީ 2009 ވަނަ އަހަރުގެ ފަހުން ސައުދީ އަށް އެންމެ ބޯކޮށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެވެ. އެ ފަހަރުގެ ވިއްސާރައިގައި 123 މީހުން ވަނީ މަރުވެފަ އެވެ. ސައުދީގެ މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އަދިވެސް މޫސުން ގޯސްވާނެ އެވެ.
ބޯވިއްސާރައިގެ ސަބަބުން ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތަކަށް ވެސް ވަނީ ބުރޫއަރައިފަ އެވެ. އަދި ޖިއްދާ އަށް މައްކާ އަށް ދަތުރުކުރަން އޮންނަ މަގު ވެސް ބައެއް ފަހަރު ބަންދުކުރަން ޖެހެ އެވެ.
މިއީ ކޮވިޑަށް ފަހު ދެ ހަރަމްފުޅު ހުޅުވާލި ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން އުމްރާގެ އަޅުކަމަށް މައްކާ އާއި މަދީނާ އަށް ޒިޔާރަތްކޮށްފައިވާ ދުވަސްވަރެވެ. ރާއްޖެ އިން ވެސް މި ދުވަސްވަރު ގާތްގަނޑަކަށް 5،000 ވަރަކަށް މީހުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީ އަށް ދަތުރުކޮށްފަ އެވެ.
މައްކާ މަދީނާ އަށް މިގޮތަށް ވިއްސާރަ ކުރުމަކީ ރާއްޖެ އަށް ސްނޯފޭބުން ކަހަލަ ކަމެއް