އިންޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޖަންނަތު ޒުބައިރު އަކީ އެގައުމުގައި އެންމެ ކާމިޔާބު އެއް އިންފްލުއެންސާއޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

އުމުރުން 21 އަހަރުގެ ޖަންނަތު ވަނީ އޭނާގެ ހަޔާތުގައި އެކްޓު ކުރުމުންނާއި ޓިކްޓޮކްގައި ލަވަ ކުޅެ، ނަށައިގެން ގިނަ އަދަދެެއްގެ ފައިސާ ހޯދާފަ އެވެ. ހަމައެހެންމެ އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު 45 މިލިއަނަށްވުރެ ގިނަ އެވެ.

ޖަންނަތު އެންމެ ފުރަތަމަ އޭނާގެ ކެރިއަރުގެ މަސައްކަތް ފަށާފައި ވަނީ އުމުރުން އެންމެ ހަ އަހަރުގަ އެވެ. އަދި އޭނާގެ ނެޓް ވޯތް މިހާރު ވަނީ ތިން މިލިއަން ޑޮލަރަށް އަރާފަ އެވެ. ޖަންނަތުގެ ތަނަވަސް ދިރިއުޅުމަށް ބަލާލާއިރު، އޭނާ ގެންގުޅޭ އަގުބޮޑު ކާރުތަކުގެ ތެރޭގައި އެކަނިވެސް ބީއެމް ޑަބްލިއު އާއި މާސިޑީޒް ބެންޒް އާއި އޯޑީ ފަދަ އަގުބޮޑެތި ކާރުތައް ހިމެނެ އެވެ. ހަމައެހެންމެ ގިނަ ޒުވާން އުމުރުގެ އެހެން އަންހެން ކުދިންނާއި ހިލާފަށް، މުމްބާއީގައި ޖަންނަތުގެ އަމިއްލަ ގެދޮރުވެސް ހުރެ އެވެ.

ޖަންނަތުގެ ހަޔާތުގައި ހުރިހާ ކަމެއް ފުރިހަމަވެފައިވީ ނަމަވެސް، ހަޔާތުގެ ބައިވެރިއެއް ނުވަތަ ލޯބިވެރިއަކު ހޯދުމަށް އޭނާއަށް ވަނީ މަނާކޮށްފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖަންނަތު ބުނީ، އޭނާއަށް ހަޔާތުގައި ބޭނުންވާ ހުރިހާކަމެއް ކުރުމަށްވެސް ހުއްދަ އޮތް ކަމަށާއި، އެހެންނަމަވެސް ލޯބިވެރިއަކު ހޯދުމަށް އޭނާގެ ބައްޕަ ހުއްދައެއް ނުދޭކަމަށެވެ. އަދި ޖަންނަތުގެ ބައްޕަ އޭނާއަށް އެކަން ކުރުމަށް ހުރަސް އަޅަނީ ޖަންނަތުގެ ކެރިއަރުގައި ކުރިއަށް ދިއުމަށްޓަކައި ކަމަށް އޭނާ ބުނެ އެވެ.

ޖަންނަތު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ހަބަރު ފެތުރިފައި ވަނީ ޓިކްޓޮކްގައި މަޝްހޫރުވެފައިވާ "ފައިޒޫ ބާއީ" އާ އެކު އެވެ. ދެ ތަރިން އެކީގައި ލަވަ އާއި ނެށުންތައް ބެލުންތެރިންނަށް ގެނެސްދިނުމާއި ގުޅިގެން އާންމުން ވަނީ އެ ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއްވާކަމަށް ޝައްކުކޮށްފަ އެވެ. ނަމަވެސް ފައިޒޫ އާއި ޖަންނަތު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.