މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
މިދިޔަމަހު އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އެ މިނިސްޓްރީން ބެލާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައްކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ބުނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 107 މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެމިނިސްޓްރީއަށް ނޮވެމްބަރު މަހު ހުށަހެޅި 107 މައްސަލައިގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެބާވަތުގެ 28 މައްސަލައެއް އެމިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ބުނެ އެވެ.
އޭގެ އިތުރުން ޖިންސީ ހާނިކައިގެ 25 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގައި 18 މައްސަލައެއްގެ އިތުރުން އަނިޔާގެ އަމަލެއް ކުރާތަން ކުޑަކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލައަކާއި ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 50 މައްސަލަ ނޮވެންބަރު މަހު މިނިސްޓްރީ އަށް ހުށައަޅާފައިވެ އެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަަތައް ކަމަށްވާއިރު، އެފަދަ 21 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. އެގޮތުން ނަފްސާނީ އަނިޔާކުރުމުގެ 14 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާގުޅޭ 10 މައްސަލައެއްގެ އިތުރުން ޖިންސީ ހާނިއްކަ ކުރުމުގެ ދެ މައްސަލަ އަދި މާލީ ނުވަތަ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ ދެ މައްސަލަ ހިމެނޭއިރު، ޖިންސީ ފުރައްސާރަކުރުމުގެ އެއް މައްސަލަ ހުށަހަޅާފައިވެ އެވެ.
ޖެންޑާއިން ކޮންމެ މަހަކުވެސް އާންމުކުރާ ތަފާސްހިސާބުތަކުން ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކެވެ.