ހަށިގަނޑު އެންމެ ހިކިކޮށް ހުރިއިރު ވެސް ފަލަހެން އިހުސާސްވި ކަމަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ކާމިޔާބު ތަރި ވިދްޔާ ބާލަން ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދްޔާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގެ ފެށުމުގެ ދުވަސްތަކުގައި ކުރި ތަޖުރިބާ އާންމުންނާ ހިއްސާކޮށްފަ އެވެ.

ވިދްޔާ އަކީ ސައުތު އިންޑިއާއަށް އުފަން އާދައިގެ އަންހެން ކުއްޖެއްކަމަށް އޭނާ ފާހަގަކޮށްފައިވާއިރު، ކެރިއަރުގައި ކުރި ހޯދުމަށްޓަކައި އޭނާގެ ބަރުލަން ލުއި ކުރަން ޖެހޭނެކަމަށް ފިލްމު ޕްރޮޑަކްޝަންގައި އޭރު މަސައްކަތް ކުރަން ތިބި މީހުން ލަފާދިންކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން ވިދްޔާ، އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ބަރުދަން ލުއި ކުރުމުން، "ބަރުދަން މާ ބޮޑަށް ލުއިވީ" ކަމަށް ބުނެފައިވާ ކަމަށް ވިދްޔާ ބުންޏެވެ.

އެހެންނަމަވެސް އޭނާގެ ހަށިގަނޑު އެންމެ ބޮޑަށް ހިކުނު އިރުވެސް، ހަށިގަނޑު ހުންނަ ގޮތާއި މެދު މީހުން ފާޑުކިޔުމުގެ ސަބަބުން، އަބަދުވެސް ފަލަކަން އިހުސާސްވިކަމަށް ވިދްޔާ ވަނީ ބުނެފަ އެވެ. އަދި ކެއުމާއި ދުރުވެ، ސިއްހަތަށް ނުރައްކާ ހިސާބަށް ދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ވިދްޔާ އަކީ އޭނާގެ ރީތިކަމަށްޓަކައި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. ހަމައެހެންމެ ވިދްޔާ ވަނީ ކާމިޔާބު ފިލްމުތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފަ އެވެ. އެގޮތުން ވިދްޔާގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑަށް އާންމުންނަށް ކަމުގޮސްފައި ވަނީ އޭނާ ކުޅުނު "ޑާޓީ ޕިކްޗާ" އެވެ.