ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު އަބިޝެކް ކަޕޫރުގެ އެކްޝަން އެޑްވެންޗާ ފިލްމަކުން އަޖޭއަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަން ބޮލީވުޑަށް ތައާރަފު ކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

މިފިލްމުގައި އަމަންއާއެކު އަޖޭވެސް މުހިއްމު ރޯލަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަމަން އަކީ އަޖޭގެ ކޮއްކޮ ނީލަމް ދޭވްގަންގެ ދަރިއެކެވެ.

އަބީޝެކް އަކީ ބޮލީވުޑަށް ގިނަ ފަންނާނުންތަކެއް ތައާރަފުކޮށްފައިވާ ޑައިރެކްޓަރެކެވެ. އެގޮތުން އޭނާ ބޮލީވުޑަށް ނެރެދީފައިވާ ތަރިންތަކުގެ ތެރޭގައި ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން އާއި މަރުވި ސުޝާންތު ސިންގް އާއި ފަރުހާން އަހުތަރު ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަޖޭ އާއި އާމަންއާ އެކީ އަބީޝެކް ހަދަން ތައްޔާރީތައް ވަމުން އަންނަ ފިލްމު މާ ލަސްތަކެއް ނުވެ ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

އަޖޭ އާއި ނީލަމްގެ ބައްޕަ ވީރު ދޭވްގަން އަލީ ބޮލީވުޑްގެ އެކްޝަން ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ އެކްޝަން ކޮރިއޯގްރާފާއެއް އަދި ފިލްމް ޑައިރެކްޓަރެކެވެ.

ޑައިރެކްޓަރު އަބީޝެކް ވަނީ މިދިޔަ އަހަރު ތަފާތު ފިލްމެއްގެ ގޮތުގައި "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދީފަ އެވެ.