ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓު ހޮވުމަށް އެޕާޓީން ބާއްވާ އިންތިހާބަށް ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކެމްޕޭން ކުރުމަށް އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދަންނަވަން ނުކުންނަނީ އެންމެ ހަތަރު މީހުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޞާލިހަށް ރައްޔިތުންގެ ތާއީދެއް ނެތްކަމަށާއި، އެމަނިކުފާނު ކުރައްވަނީ އަނިޔާވެރި ވެރިކަމެއް ކަމަށެވެ.

ހަމައެހެންމެ މިގައުމުގެ ހަމައެކަނި އުންމީދަކީ ރައީސް ޔާމީން ކަމަށާއި، ގިނަ ރައްޔިތުންގެ ތާއީދު ކުރާ ސިޔާސީ ލީޑަރަކީވެސް ރައީސް ޔާމީނަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެގޮތުން ރައީސް ޞާލިހް އަތޮޅުތެރެއަށް ވަޑައިގެންނެވުމުން ހާލަތު އޮތް ގޮތް ފެނިވަޑައިގަންނަވާނެކަމަށާއި، އެމަނިކުފާނަށް ތާއީދު ނެތް ކަންވެސް ފެނިވަޑައިގެންނަވާނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

"އެހެންވީމަ، ރައީސް ޔާމީނަށް އަނިޔާ ކުރަން ބޭނުންވަނީ. އެހެންވީމަ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަނިޔާ ތިޔަ ކުރައްވަނީ ހަމައެކަނި ރައީސް ޔާމީނަކަށް ނޫނޭ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކައިގައި ކުރީގެ ރައީސް، އަދި އެ ޕާޓީގެ ލީޑަރު ރައީސް ޔާމީން މިނިވަންކުރުމަށް ވަނީ ގޮވާލާފަ އެވެ. ރައީސް ޔާމީން އެނބުރި ވަޑައިގަންނަވާނެކަން ފާހަގަކުރައްވައި ޝިޔާމް ވަނީ އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ކުރިއަށްވުރެ ވެސް ގަދަކޮށް ކަމަށް ވިދާޅުވެފަ އެވެ.