ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލުކޮށްގެން ތިން ވަނަ ދައުރެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބ. އަތޮޅުގައި މިއަދު ދެއްކި ވާހަކަފުޅަށް، ވެރިކަން، ވެރިކަން ނޫން ވާހަކަފުޅެއް ނަޝީދަށް ނުދެއްކެވޭ ކަމަށް ވިދާޅުވެ ރައީސް ރައްދު ދެއްވައިފި އެވެ.
ބ. ހިތާދޫގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، މި ދައުރު އެކީ ނިންމަވައި އަނެއްކާ އެހެން ދައުރެއްގެ ވާހަކަ ރައީސް ސޯލިހު ދައްކަވަމުން އަންނަ އިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށެވެ.
މި މަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހުޅުމާލޭގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ގާނޫނު އަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ ކާކުކަން ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ސާފުވާނެ ކަމަށެވެ.
"ނޫސްތަކުން ދެން މިއަދު އަޅުގަނޑަށް ފެނުނު ވާހަކަ އަކީ ވެރިކަމަށް އައުމަށްޓަކާއި، ތިން ދައުރު ހޯދުމަށް ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް އަޅުގަނޑު އެކަން ކުރާނެކަން. މިއީ ހަގީގަތަކަށް އެ ބޭފުޅަކު ވިދާޅުވި ކަަމށް ވަންޏާ މިއާ ދޭތެރޭގައި ވިސްނަންޖެހޭ. ކާކުތޯ ގާނޫނު އަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ. ވެރިކަން ވެރިކަން، ވެރިކަން ނޫން އެއްޗެއް ނެތް. ނިޒާމު ބަދަލުކޮށްގެން ވެސް ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ވެސް ވެރިކަމަށް އަންނަން އުޅެނީ ކާކުކަން، ކޮން ބޭފުޅެއްކަން ތިޔާ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ. އެހެންވީމާ މި ކެމްޕޭން ތެރޭގައި ވޯޓުދޭ އިރު މި ހުރިހާ ކަމަކަށް ވެސް ވިސްނަން ވާނެ،" ނަޝީދަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އޮންނަނީ ދެ ދައުރު ވެރިކަން ކުރުން ކަމަށާއި ދެ ދައުރަށް ވުރެ އިތުރަށް ވެރިކަން ކުރަން އެމަނިކުފާނު ނޫޅުއްވާ ކަަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި ވެސް ވެރިކަމުގައި ދެމިހުންނަން ނޫޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ވެރިކަން ދިނީވެސް ތިމަންމަނިކުފާން ކަމާއި ވެރިކަމުން ބާލާނީ ވެސް ތިމަން މަނިކުފާން ކަމަށް ވިދާޅުވެ ނަޝީދު މިއަދު ބ. އޭދަފުށީގައި ދެއްކެވި ވާހަކަތަކަށް ވެސް ރައީސް މިރޭ ރައްދު ދެއްވި އެވެ.
ނަޝީދަށް ރައްދު ދެއްވަމުން ރައީސް ވަނީ އެހެން މީހަކަށް ވެރިކަން ދެވޭނީ ކާކަށްތޯ ސުވާލު ކުރައްވައިފަ އެވެ.
"ސުރުޚީއެއްގައި އޮތީ، ވެރިކަން ދިނީ ވެސް ތިމަންނައޭ، ވެރިކަން ބަދަލުކުރާނީ ވެސް ތިމަންނައޭ. ވަރަށް ފުންކޮށް ވިސްނަން ވެއްޖެ. ކާކަށްތޯ އެހެން މީހަކަށް ވެރިކަން ދެވޭނީ، ވެރިކަން ދެވޭނީ، އަޅުގަނޑު ހިތުން އިންސާނުންނަށް، ﷲ ގެ އަޅުންނަށް، އޮންނަ ކަމަކީ މަސައްކަތް ކުރުން. ވެރިކަމަކީ އެ ފަރާތުން ދެއްވާ އެއްޗެއް. އަޅުގަނޑު މި މަގާމުގައި ހުރީ ﷲ ގެ އިރާދަފުޅާ އެކު އެތައް ބައެއްގެ ތާއީދާ އެކު. އެތައް ބައެއްގެ ވޯޓާއި ތާއީދާ އެކު. އެންމެ މީހެއްގެ ތާއިދާއެކުގައެއް ނޫން. އަޅުގަނޑަށް މި މަގާމުގައި ދެމިހުރެވެނީ ވެސް އެންމެ މީހެއްގެ ތާއީދާ އެކުގައެއް ނޫން. ﷲ ގެ އިރާދަފުޅުން ތި ހުރިހާ ބޭފުޅުންގެ ތާއީދާއި މަދަދާއި އެއްބާރުލުމާ އެކު،" ރައީސް ނަޝީދަށް ރައްދު ދެއްވައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ވެރިކަމުގެ ލައްޒަތާއި އިއްޒަތް ލިބުމުން ވެރިކަމުން ދުރަށް ޖެހެން އުނދަގޫވެދާނެ ކަމަށް ވިދާޅުވެ ނަޝީދު މިއަދު ވަނީ ރައީސް ސޯލިހަށް ފާޑު ވިދާޅުވެފަ އެވެ.
ފުރަތަމަ ވިދާޅުވީ، ފަސް އަހަރު މާ ގިނައޭ. ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 18 މަސް ދުވަހަށް. އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައިވާ އެއްޗެއް. ދެން ވިދާޅުވީ، ފަސް އަހަރު ދުވަސް އެ ބޭފުޅާއަށް ގިނައޭ. ދެން ވިދާޅުވީ، އެންމެ ބޮޑަށް ބޭނުންވެ ވަޑައިގަންނަވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނަވާ ދުވަހެއް ދެކޭށޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގެ ލައްޒަތާއި އިއްޒަތް ގަދަރުގެ ތެރެއަށް ވަދެވި، ވެރިކަމުގެ މަންފާއެއް ލިބެންފެށީމާ ދުރަށް ޖެހެން އުނދަގޫވާނެ ކަމަށެވެ.